އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ކުރިމަތިލެއްވި ކެންޑިޑެސީ، ޗިލީގެ ފުރަތަމަ އަންހެން ރައީސާ މިޝެލް ބަޗެލެތު އަނބުރާ ގެންދަވައިފިއެވެ. އުމުރުން 74 އަހަރުގެ ބަޗެލެތު މި ނިންމެވުން ނިންމެވީ، އެ މަޤާމަށް ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ މެދުގައި ނެގި ނުރަސްމީ ވޯޓުން ފުލުން ދެވަނަ ލިބިވަޑައިގަތުމާ ގުޅިގެންނެވެ. އޭނާގެ ނިންމެވުން އިޢުލާނުކުރެއްވީ މީސްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ. މި ބޮޑު ގޮންޖެހުމާ ކުރިމަތިލެއްވުމާމެދު ހިތާމަ ނުކުރައްވާ ކަމަށާއި، މި ކަމުގެ ސަބަބުން އދގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ދެން އަންނަންވާނީ ލެޓިން އެމެރިކާގެ އަންހެން ބޭފުޅެއް ކަމުގެ ބަހުސް އުފެދުނު ކަމުގައި އޭނާ ވިދާޅުވިއެވެ.
އދގެ އައު ވެރިޔަކު ހޮވުމަށް 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި ނެގި ނުރަސްމީ ތިން ވޯޓުގެ ތެރެއިން ދެ ފަހަރު ކުރި ހޯއްދެވީ ކޮސްޓަރީކާގެ ކުރީގެ ނައިބު ރައީސާ ރެބެކާ ގްރިންސްޕާން އެވެ. އަދި، ތިންވަނަ ވޯޓުން އެއްވަނަ ހޯއްދެވީ ގަޔާނާގެ ކުރީގެ ޚާރިޖީ ވަޒީރު ކެރޮލީން ރޮޑްރީގްޒް-ބަރކެޓް އެވެ. އދގެ އެންމެ މަތީ މަޤާމަށް ބަޗެލެތުގެ ނަން ފުރަތަމަ ހުށަހެޅުއްވީ ޗިލީގެ ކުރީގެ ރައީސް ގަބްރިއެލް ބޮރީކްގެ ސަރުކާރުންނެވެ. އަދި، އޭނާއަށް މެކްސިކޯއާއި ބްރެޒިލްގެ ވާތުފިޔައިގެ ލީޑަރުންގެ ތާއީދު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް، ޗިލީގެ އައު ރައީސް ހޯސޭ އަންތޯނިއޯ ކާސްތު އެ ތާއީދު އަނބުރާ ގެންދެވުމުން، އޭނާގެ ކެންޑިޑެސީއަށް އޮތް ބާރު ކެނޑިގެންދިޔައެވެ.
އދގެ 80 އަހަރުވީ ތާރީޚުގައި އެއްވެސް އަންހެން ބޭފުޅަކު އެ އިދާރާގެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައެއް ނުވެއެވެ. އަދި، ލެޓިން އެމެރިކާއިން އެ މަޤާމު ފުރުއްވީ 1982 އިން 1991 އަށް ހުންނެވި ޕެރޫގެ ޚައިއެރް ޕެރޭޒް ދެ ކުއެޔާރް އެކަންޏެވެ. ސަރަޙައްދުތަކަށް މަޤާމު ދައުރުވާ އުޞޫލުން މި ފަހަރު ފުރުޞަތު އޮތީ އެ ސަރަޙައްދަށެވެ. ބަޗެލެތު ވަކިވެވަޑައިގަތުމުން، އދގެ މިހާރުގެ ވެރިޔާ ޕޯޗުގަލްގެ އެންޓޯނިޔޯ ގުތެރޭޝްގެ ފަސް އަހަރުގެ ދެވަނަ ދައުރު ޑިސެމްބަރު 31 ގައި ހަމަވުމުން އަންނަ ވެރިޔަކަށް ވާދަކުރައްވަނީ ހަތަރު އަންހެން ބޭފުޅުންނާއި ތިން ފިރިހެން ބޭފުޅުންނެވެ.