ޚަބަރު

"ޕްލާސްޓިކުގެ ލިސްޓަށް ބަދަލު ގެނައީ ދަތިތަކަށް ހައްލު ހޯދައިދޭން"


  • ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ މުއްދަތު ވަނީ ފަސްކޮށްފައި

  • ބަދަލުތައް ގެނައުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ރިއާޔަތްކޮށްފައިވޭ

ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކްގެ ލިސްޓަށް ބަދަލު ގެނައީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިހެން ވިދާޅުވީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓަށް މައިގަނޑު 3 އިސްލާހެއް ވަނީ ގެންނަވާފައެވެ. އެގޮތުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2031 އާހަމައަށް ވަނީ ފަސްކުރައްވާފައެވެ. އަދި މި ބާވަތުގެ ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން އެ އަހަރުގެ ޑިސެމްބަރު 19އަށް ވަނީ ފަސްކުރައްވާފައެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ބަދަލު ގެންނަވާފައިވަނީ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެންހުރި ކަރުދާހުގައި ތައްޔާރުކޮށްފައި ހުންނަ ހޮޅި ބޭނުންކުރުމުގައި ފޫދި، ފެނަށް ގިރި، އެ ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރާތީ ކަމަށެވެ. އަދި އެފަދަ ހޮޅި އުފެއްދުމުގައި ހޮޅީގެ އެތެރޭގައި ޕްލާސްޓިކް ފަށަލައެއް ލެވި އަދި ތެރަސް ބޭނުންކޮށްފައި ހުރުމުން އެ ހޮޅި ބޭނުންކުރުމަށްފަހު އެއްލާލުމުން މައިކްރޯ ޕްލާސްޓިކް އުފެދުމަށް ފުރުސަތު ބޮޑުކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެހެންކަމުން ޕްލާސްޓިކް ހޮޅީގެ ބަދަލުގައި އެކަށީގެންވާ ފެންވަރު ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި ބަދަލެއް ބާޒާރަށް ނެރެ ތަޢާރަފުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ބަދަލު ގެންނެވީކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ޕްލާސްޓިކް ހޮޅީގެ އިތުރުން ފެން ބަންދުކޮށްފައި ހުންނަ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރެވޭނެ އެންމެ ފަހުގެ ތާރީޚުތަކަށް ވަނީ ބަދަލު ގެންނަވާފައެވެ. މިފަދަ ފުޅި 1 ޑިސެންބަރު 2029 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ކަނޑައަޅުއްވާފައިވާއިރު އެފަދަ ފުޅި ބާޒާރަށް ނެރުން މަނާވާނީ 1 ޖޫން 2030ގައެވެ.

މި ބަދަލާ ގުޅޭގޮތުން ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ އެ ސައިޒުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައެޅި ތާރީޚު ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވީ ނަމަވެސް، މުއްދަތު އިތުރުކުރަން ޖެހުނީ މިއަދާ ހަމައަށްވެސް ބައެއް ރަށްރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރެވިފައި ނުވާތީކަމަށެވެ. އަދި ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށްފައިވާ ބައެއް ރަށްރަށުގައިވެސް އެކަށީގެންވާ ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ، ރައްޔިތުން ސާފު ބޯފެނަށް މައިގަނޑު ގޮތެއްގައި އަދިވެސް ބަރޯސާވަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މިހާރުވެސް މަނާކޮށްފައިވާތީ، ރައްޔިތުންގެ ބޮޑު އިންސައްތައެއް ސާފު ބޯފެނުގެ ގޮތުގައި މިހާރު ބޭނުންކުރަމުންދަނީ 1 ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ހުންނަ ފެން ކަމަށާއި މި ބާވަތުގެ ފެން ރާއްޖޭގައި މި ދަނޑިވަޅުގައި މަނާކޮށްފިނަމަ، ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ބޮޑެތި ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބެލެވޭކަމަށްވެސް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތައްޔާރީ ބުއިންތައް ހުންނަ 250 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅިވެސް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރޭ މުއްދަތަށްވެސް ބަދަލު ގެންނަވާފައެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ ކުރިން 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރާ ބައެއް ތައްޔާރީ ބުއިންތައް އެތެރެކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާކަމަށެވެ. މިފަދަ ބުއިންތަކުގެ ތެރޭ ވަކީން ޚާއްސަކޮށް އެތުލީޓުން ބޭނުންކުރާ ބުއިންތަކާއި ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބުއިންތައް ހިމެނޭކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ މިފަދަ ތައްޔާރީ ބުއިންތައް އުފައްދާ ގައުމަކަށް ނުވާތީ ރާއްޖެ ބަރޯސާވާން ޖެހިފައިވަނީ ބޭރުގެ އުފެއްދުންތަކަށް ކަމަށްވާއިރު ރާއްޖޭގެ މާކެޓަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ ޕްރޮޑަކްޝަން ލައިންތައް ބަދަލުކޮށް އެ ބުއިންތައް އުފެއްދުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މާލީ އަދި އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އެ ކަންކަމަށް ހައްލު ހޯދައިދިނިމުގެ ގޮތުން އެފަދަ ބުއިންތައް ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގެ ތެރެއިން ހަމައެކަނި 250 މިލިލީޓަރަށް ވުރެ ކުދި ފުޅި އެކަނި މަނާވާ ގޮތަށް ބަދަލު ގެންނެވީ ކަމަށް ވިދާޅުވިއެވެ.