ޚަބަރު

"މަސް ކާރުޚާނާއާއެކު ފިޔޯރީއަށް އިޤްތިޞާދީގޮތުން ބޮޑު ކުރިއެރުމެއް އަންނާނެ"


  • ފިޔޯރީއަކީ ކުރިން ގިނަ މަސްވެރިންނާއި މަސްއުޅަނދު އޮތްރަށެއް

  • މަސް ކާރުޚާނާއާއެކު އެހެން ރަށްރަށުންވެސް ފިޔޯރީއަށް މީހުން ހިޖުރަކުރާނެ

  • ސަރުކާރުންދަނީ މަސްވެރިކަން އެރަށުގައި އިޔާދަކުރުމަށް މަސައްކަތް ކުރަމުން

މަސްދަޅު ބަންދުކުރާ ކާރުޚާނާގެ މަޝްރޫޢާއެކު ފިޔޯރީއަކީ ހުވަދުއަތޮޅުގެ އެންމެ ގިނަ ވަޒީފާތައް އުފެދިގެންދާނެ ރަށަށްވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ފިޔޯރީގައި ވަޒީފާ ނެތުމުގެ ކަންބޮޑުވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ފިޔޯރީގައި ގާއިމުކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާއަށް ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެރަށަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅެއްގެ ޙައިސިއްޔަތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުވަނީ ފޮޔޯރީގެ އެތެރޭގެ އިޤްތިޞާދު ހަލާކުވެދިޔުމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައެވެ.

މިވަގުތު ރަށުގައި ވަޒީފާގެ ނިސްބަތް އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މިވަގުތު ސަރުކާރުގެ އިދާރާއެއްގައި ފިޔަވާ ރަށުގައި ވަޒީފާ ނެތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ތަރައްޤީކުރުމަށް މަސައްކަތް ފެށި މަސްދަޅު ބަންދުކުރާ ކާރުޚާނާގެ ބަނދަރު ހެދުމުގެ މަޝްރޫޢާއެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެކަމަށް ވިދާޅުވިއެވެ.

"ފިޔޯރީއަކީ މަސްވެރި ރަށެއްގެ ގޮތުގައި އިޤްތިޞާދު އޭރު ހަމަޖެއްސިއިރު ރަށުގެފަޅުތެރޭގައި މަސްކިރާ ބޯޓުތައް އޮވެގެން މަސްކިރަމުންދިޔަ. އެހެންނަމަވެސް މިއަދު މަސްވެރިކަމުގެ އެއްވެސް އުޅަނދެއް ފިޔޯރީގައި ނެތް. އެކަން ބަދަލުކޮށް މިމަޝްރޫއާއެކު ފިޔޯރީ ވެގެންދާނީ އެންމެ ގިނަ ވަޒީފާ މިސަރަޙައްދުގެ އެއްރަށެއްގައި އޮތް ރަށަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތާއެކު ސަރަޙައްދުގެ އެހެން ރަށްރަށުން ފިޔޯރީއަށް ޙިޖުރަކޮށް ދިރިއުޅުން އާބާދުކުރާނެ ރަށަކަށް އެރަށް ވެގެންދާނެކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުންދާ ފިޔޯރީގެ ރައްޔިތުން އަނބުރާ އަންނާނެ މަޝްރޫޢެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފޮޔީރީއަކީ އެއަރޕޯޓާއި ދުރުގައި އޮންނަ ރަށެއްކަމުން ލޯކަލް ޓޫރިޒަމް އެރަށުގައި ފުޅަކުރުމަށް ހުރަސްތަކެއްވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ކުރިއެކޭ އެއްގޮތަށް އެރަށަކީ މަސްވެރިކަމުގެ ސިނާޢަތުގައި ވަރުގަދަ ރަށަކަށް ހެދުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.