ޚަބަރު

"މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން"


  • މަސްވެރި ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން

  • ދިވެހިން ބާނާ މަހަށް އަގު ކިޔުމުގެ ބާރު ލިބުމުގެ އުއްމީދު އައުވެއްޖެ

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދެނީ މި ސަރުކާރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގދ. ފިޔޯރީގައި ޤާއިމުކުރާ ދަޅުމަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާކަމަށެވެ. ނަމަވެސް، މިހާތަނަށް މަހަށް އަގު ކިޔުމުގެ ބާރު ރާއްޖެއަށް ލިބިފައި ނުވަނީ ސިނާއަތުގެ އިންތިޒާމުތައް ހުރި ގޮތުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ހާލަތު ބަދަލުކުރުމުގެ ވިސްނުންފުޅާއެކީގައި ރައީސް ވަޑައިގެން އެމަނިކުފާނު ހަމައެކަނި ވާހަކަދެއްކެވީކީ ނޫން. އަމަލީ ގޮތުން މި މަސައްކަތްޕުޅު ފެއްޓެވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަސްވެރިކަމުގެ ދާއިރާއަށް ފާގަތިކަން ލިބެމުންދާ މަންޒަރު. މަސްވެރިކަމަށް އައު އާރޯކަމެއް ލިބިގެންދާ މަންޒަރު. ރައީސް ކުރައްވާ މަސައްކަތާއެކު އެކި ބާޒާރުތަކުގައިވެސް ރާއްޖޭގައި މި ބާނާ މަހަށް އަގު ލިބުުމުގެ އުންމީދު" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަހުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށްޓަކައި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިހާރު 9،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 25،000 ޓަނަށް އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަމާޒު ހާސިލްވުމުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފިޔޯރީގައި ކުރިއަށްދާ މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ އޭގެ ސަބަބުން މުޅި ސަރަހައްދުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ މަޝްރޫއެއް ކަމަށެވެ. އަދި ކުރިން މަސް ކިރުވުމަށް ކޫއްޑޫއަށް 40 މޭލު ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ސަރަހައްދުގައި 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށާއި، މިއީ ކުރިން ރައްޔިތުން އެދެމުންދިޔަ 500 މެޓްރިކް ޓަނަށްވުރެ މާ ބޮޑު ކުރިއެރުމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ފަހުކޮޅަށް ފެސިލިޓީގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ވަސީލަތްތައް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށް، އޭގެ ސީދާ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.