އިގުތިސާދުގެ ތެރޭގައި ދައުރުވާ 100 ރުފިޔާގެ ނޫޓް މަދުވުމާއި ގުޅިގެން މިނޫޓު ޗާޕު ކޮށްގެން ގެނެސްފިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ.
އެމްއެމްއޭއިން ވިދާޅުވީ، އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅުވެސް އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއް ޗާޕުކޮށްގެން ގެނެސްފައެވެ. އަދި އެ ނޫޓުތައް ޖަނަވަރީމަހުގެ ތެރޭގައި ބޭނުންކުރަން ފަށާފައިވެއެވެ.
"ރަންދިހަ ފަހެއް"ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.
މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.