ޚަބަރު

26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި


  • މިމަހުގެ 11އާ ހަމައަށް މާލެއިން މަސްދަޅުކޭސް ބަހާނެ

  • މާލެ ސަރަޙައްދުގެ 15 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރާނެ

ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުން ކޮންމެ ގޭބިސީއަކަށްވެސް ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބެހުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ޤައުމީ ދިފާޢީ ބާރާއި، އެކި އިދާރާތައް ގުޅިގެންނެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ، މިމަހުގެ 24 ވަނަ ދުވަހުއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށެވެ. އަދި ރޭގެ ނިޔަލަށް މުޅި ޖުމްލަ 26,739 މަސްދަޅު ކޭސް މާލެއިން އެކަނިވެސް ދޫކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި މަހުގެ 11 ގެ ނިޔަލަށް މާލޭގައި މިހާރު ދޫކުރާ ތަންތަނުން ރޯދަ ހަދިޔާ ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިފްކޯއިން އުފައްދާފައިވާ މަސްދަޅު ކޭސްތައް ބެހުމަށް އަތޮޅުތަކަށް ފޮނުވާފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ދަށުން އުތުރުގެ ބައެއް ރަށްތަކުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކުރިއަށް ދާނީ، ކޮންމެ ރެއަކު 20:30 އިން ފެށިގެން 23:00 އަށެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.