ސްރީލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ފޮބުވާލައި އައު ގައުމީ ކޯޗަކު ހޯދަން މަސައްކަތް ފަށައިފި އެވެ.
ކުވޭތަށް އުފަން މުތައިރީ އަކީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް ޓީމު ގޮވައިގެން ފައިނަލަށް ދަތުރު ކުރި ކޯޗެވެ. އޭގެ ފަހުން އޭނާ ކޯޗުކޮށްދިނީ އަފްގާނިސްތާނަށާއި ކުވޭތުގެ އަލް ޖަހްރާ ކުލަބަށެވެ. ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަން 44 އަހަރުގެ މުތައިރީ އަށް ދިނީ 2024 ވަނަ އަހރު އެވެ.
އޭނާގެ ކޯޗުކަމުގައި ލަންކާއިން ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދި އެވެ. ނަމަވެސް އެ ގައުމަށް ކާމިޔާބު ނުވި އެންމެ މުހިންމު ކަމަކީ ލަންކާއިން އިސްނަގައިގެން ބޭއްވި ސައުތު އޭޝިއަން ސުޕަކަޕް ނާކާމިޔާބުވުމެވެ. އެންމެ ފުރަތަމަ ހަތަރު ގައުމު، ފަހުން ބޫޓާން ބައިވެރިނުވުމުން ރާއްޖެއާއެކު ދެ މެޗު ކުޅުނު މުބާރާތުގެ ތަށި ލަންކާ ބަލިކޮށް ހޯދީ ރާއްޖެ އެވެ.
އޭނާގެ ކޯޗުކަމުގައި ލަންކާ ވަނީ 14 މެޗުގެ ކުޅެފަ އެވެ. މީގެ ތެރެއިން ހަ މެޗުން މޮޅުވިއިރު ފަސް މެޗުން ވަނީ ބަލިވެފަ އެވެ. އަދި ތިން މެޗު ވަނީ އެއްވަރުވެފަ އެވެ.
ލަންކާއިން ގައުމީ ޓީމަށް ކޯޗަކު ހޯދަނީ މި އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ވަރަށް ބޮޑަށް އަމާޒުކޮށްގެންނެވެ. އޭގެ ކުރިން ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅެ ވެސް ލަންކާ ވަނީ ނިންމާފަ އެވެ.
މުތައިރީ އާއި ލަންކާ ފެޑަރޭޝަނުން ވެސް ބުނީ ކޮންޓްރެކްޓް ނިމުމާއެކު ދެ ފަރާތުން އެއްބަސްވީ ވަކިވާން ކަމަށެވެ. އަދި އޭނާ ވަނީ ލަންކާ ފެޑްރޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.