ޚަބަރު

އެމްއޭސީއެލް މެރިޓް އެވޯޑް ސީއެޗްއެސްއީގެ 4 ދަރިވަރަކަށް


  • މިދިޔަ 2 އަހަރުވެސް މި އެވޯޑުދިން

  • އަހަރު ދުވަހަށް ކޮންމެ މަހަކު ފައިސާގެ އެލަވަންސެއް ދޭނެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މިއަހަރުގެ މެރިޓް އެވޯޑް، ސެންޓަރ ފޮރ ހަޔަރ އެޑިކޭޝަން، ސީއެޗްއެސްސީގެ 4 ދަރިވަރަކަށް ދީފިއެވެ.

އެމްއޭސީއެލް މެރިޓް އެވޯޑަކީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ ޤައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖްތިމާއާއި ޒިންމާގެ ދަށުން ދެމުންދާ އެވޯޑެކެވެ. އެގޮތުން މިދިޔަ 2 އަހަރުވެސް މި އެވޯޑުވަނީ ދީފައެވެ.

މި އެވޯޑް ދެނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށެއެވެ. މި ދަރިވަރުން ހޮވަނީ ސީއެޗްއެސްއީއިންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ސީއެޗްއެސްއީގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލީ ހުޒެއިމްއެވެ.

އެވޯޑް ލިބުނު 4 ދަރިވަރުން

  • އަޒުވަދު ޒާހިދު ހަމީދު
  • އިޒާން އަލީ
  • ހަމްދާ އަޙްމަދު ޝިހާމް
  • އާއިޝަތު ނައުރީން ހަމްދީ

މި ދަރިވަރުންނަށް އެ ކުންފުނީގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހުގެ މުއްދަތައް ޑޭޓާ ޕެކޭޖަކާއި އެއް އަހަރު ދުވަހުގެ މުއްދަތައް ކޮންމެ މަހަކު ފައިސާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދަނީ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށް ފައިސާގެ އިނާމުވެސް ދެމުންނެއެވެ. އަދި އެ ކުންފުނީގެ އިޖްތިމާއި ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސުކޫލްތަކަށް ވަސީލައްތަކާއި އެހެނިހެން އެހީތެރިކަންވެސް ދަނީ ފޯރުކޮށްދެމުންނެވެ.