ހަތަރު ރަށެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންްދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. އެ ރަށްތަކަކީ، ބ.ގޮއިދޫ، ހއ.ފިއްލަދޫ، ކ،ގާފަރު، މ.މަޑުއްވަރީއެވެ.
މިކަމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިސްމާޢީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތެވެ.
ބ.ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބަނދަރު ފުންކުރުމާއި، 250 މީޓަރު އެލްބްލޮކް އެއްގަމު ތޮށި ޖެހުމާއި، 351 މީޓަރު ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމުގެ އިތުރުން، 116 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ގްރޮއިން ޖެހުމުގެ އިތުރުން، ޕޭމަންޓު ހެދުމާއި، މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.
ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން، 3.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމާއި، ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 458 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 15 މަގު ބައްތި ހަރުކުރުމާއި، 814 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުމުގެ އިތުރުން، 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، 25 ހެކްޓަރުގެ ބިން ހިއްކައި، 956 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 315 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.
މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، 329 މީތަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 158 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން، 4.1 ހެކްޓަރުގެ ބިން ހިއްކާ، 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.