ޚަބަރު

ގޮއިދޫއާއި ފެހެންދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރަން ޙަވާލުކޮށްފި


  • މަސައްކަތް ޙަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީއާ

  • 14.9 މިލިޔަން ރުފިޔާ ޚަރަދުވާނެ

  • ނިންމުމަށް ހަމަޖެހިފައިވަނީ 480 ދުވަހުގެ ތެރޭގައި

ބ. ގޮއިދޫއާއި ފެހެންދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ އިމާރާތުގެ މަސަައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެރަށުގެ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

ބ. ގޮއިދޫ ސިއްޙީ މަރުކަޒުގައި އައު ޢިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރެވެ. އަދި ބ. ފެހެންދޫ ސިއްޙީ މަރުކަޒުގައި އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. މި ދެ އެއްބަސްވުމުގައި ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒެވެ.

ގޮއިދޫ ސިއްޙީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތަށް 8.2 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އަދި ބ. ފެހެންދޫ ސިއްޙީ މަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތަށް 6.7 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. މި ދެ މަޝްރޫޢުގެ މަސައްކަތްވެސް ޙަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ބ. ގޮއިދޫ އަދި ފެހެންދޫގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާ ޚިދުމަތްތައް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކުގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއްދީގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.