ޚަބަރު

އިންޑިއާ އަކީ މިހާރު ރާއްޖެއަށް އޮތް އެންމެ ބޮޑު އިމްތިހާނު: ކޯޗު


ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއަށް މިހާރު ބާކީއޮތް އެންމެ ބޮޑު އިމްތިހާނަކީ އިންޑިއާ ކަމަށާއި މިމެޗު ވަރަށް ސީރިއަސްކޮށް ނަގަންޖެހޭކަމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ 2 މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކުރުމަށްފަހު ކޯޗު ޒަކީރޯވް ބުނީ މިހާރު ހުރިހާ ޓީމަކުންވެސް ދިވެހިރާއްޖެއާއި ދެކޮޅަށް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށާއި އެކަމަށް ރާއްޖެވެސް ވިސްނަންޖެހޭނެކަމަށެވެ. އަދި މިހާރު ކުރިއަށް ހުރި މެޗުތަކުގެ ތެރެއިން އެންމެ އުނދަގޫވާނެ އެއް މެޗަކީ މިއަދު އިންޑިއާ އާއި ބައްދަލުކުރާ މެޗު ކަމަށާއި މިމެޗަށް ދިވެހި ޓީމުން ނިކުންނާނީ ރަނގަޅަށް ތައްޔާރުވެ އިންޑިއާގެ ގޭމް ދަސްކޮށްގެންކަމަށެވެ.

ކޯޗު އިތުރަށް ބުނީ މުބާރާތުގެ ކުރީކޮޅު ޓީމުތަކަށް އިދިކޮޅު ޓީމުތަކުގެ ކުޅުން ފެނިފައިނެތުމުން މެޗުތަކަށް އެންމެ ރަނގަޅަށް ތައްޔާރުވާން ނޭންގުނަސް މިހާރު ހުރިހާ ޓީމަކަށްވެސް ހުރިހާ ޓީމެއްގެ ކުޅުމާއި ގޭމްޕްލޭންތައް ފެނިފައި ހުރުމަކީ ވިސްނަންޖެހޭނެ ކަމެއްކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.

އިންޑިއާވެސް މިމުބާރާތުގައި އަދި އެއްވެސް މެޗަކުން ބައްޔެއްނުވެއެވެ. ކުޅުނު 2 މެޗުންވެސް ވީ އެއްވަރެވެ. އަދި 2 ޕޮއިންޓާއެކު ލީގު ތާވަލްގެ 5 ވަނަގައި އޮތްއިރު ދިވެހިރާއްޖެ އޮތީ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ.

ރާއްޖެ ކޯޗުގެ އިތުރުން ޓީމުގެ ކުޅުންތެރިންވެސް ބުނީ މިއަދު އިންޑިއާ އާއި ބައްދަލުކުރާ މެޗަށް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާ ކަމަށާއި މިމެޗު ނަގަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދޭނެއެވެ.