ޚަބަރު

ހދ. ގެ ފައިނަލަށް ނޮޅިވަރަންފަރާއި ނައިވައިދޫ


ގޯލްޑަމް ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، ނޮޅިވަރަންފަރާއި ނައިވައިދޫއިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ހޯދީ، ސެމީ ފައިނަލުގައި ފިނޭގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދާއި އިބްރާޙީމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން މުޙައްމަދު ރިޔާޒެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރުގެ އަކްރަމްއެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ހޯދިއިރު އެ ޓީމުން ސެމީގެ ޖާގައެއް ހޯދީ ހދ. ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައެވެ.

މި އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ، ނައިވައިދޫއިން ހޯދީ ސެމީގައި ނޭކުރެންދޫގެ މައްޗަށް 2-5 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ނައިވައިދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އަސްލަމް، އަބްދުﷲ ވިސާމް، ޔޫސުފް ޝާއިފް، ހުސެއިން މައިޝާން އަދި ޔާމިން މުޙައްމަދެވެ. ނޭކުރެންދޫގެ ދެލަނޑު ވެސް ޖަހައިދިނީ މުޙައްމަދު ވިލްފެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވައިދޫގެ ޔާމިން އެވެ.

ނައިވައިދޫއިން ހދ. އަތޮޅުގެ ފައިނަލުގެ ޖާގައެއް ހޯދިއިރު، އެ ޓީމުން ސެމީއަށް ދަތުރުކުރީ އެ އަތޮޅުގެ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ނައިވައިދޫ ފައިނަލަށް ދަތުރުކޮށްފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ނައިވައިދޫއާއި ނޮޅިވަރަންފަރު ބައްދަލުކުރާ ހދ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެރޭ 22:00 ގައެވެ.