ޚަބަރު

ޢުމްރާއިން އައި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ


  • ނިޔާވެފައިވަނީ ފުވައްމުލަކު މީހެއް

  • ޢުމްރާ އަދާކުރުމަށްފަހު އޭނާ ރާއްޖެ އައީ އިއްޔެ

އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އިއްޔެ ރާއްޖެ އައި ދިވެއްސަކު، މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ފުވައްމުލަކު ރަތަމަލާނާގެ، އަހްމަދު ލަތީފްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ލަތީފް ނިޔާވީ އުމްރާގެ ދަތުރަށްފަހު އަމިއްލަ ރަށަށް ދިއުމުގެ ކުރިން، އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އއ. ތޮއްޑޫގައި މަޑުކޮށްގެން ހުއްޓައެވެ. އޭނާ ނިޔާވީ ކުއްލި ގޮތަކަށް ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް ޕީއެސްއެމް ނިއުސްއަށް ވަނީ އެނގިފައެވެ.

ނިޔާވި އަހްމަދަކީ ފުވައްމުލަކު ވެމްކޯގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. އަދި އޭނާއަކީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އާމިނަތު އިނާޔާގެ ބޭބެއެވެ. މި ހިތާމަވެރި ވަގުތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ ދަތުރުތަކުގައި ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ މީގެ ކުރިން ސައުދީ އަރަބިއްޔާގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލްމަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ 62 އަހަރުގެ މީހަކާއި، ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ފަރާތުން އުމްރާއަށް ދިޔަ ދެ މީހުންނެވެ.

މީގެ އިތުރުން، އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ސިއްހީ ހާލަތު ގޯސްވި ދިވެއްސަކު އިއްޔެގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ އިތުރު ފަރުވާއަށް ރާއްޖެ ގެނެސްފައެވެ.