ޚަބަރު

ސާފް ވިމެންސް ފުޓްސަލް: ރާއްޖެ - އިންޑިއާ


ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަނުން މުޅިން އަލަށް ފަށާ ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގެ އަންހެނުންނަށް ޙާއްސަ މުބާރާތުގައި މިއަދު ރާއްޖެއާއި އިންޑިއާއިން ވާދަކުރާނެއެވެ.

މި މުބާރާތުގައި ވެސް ކުޅޭ ފުރަތަމަ މެޗެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 12 ޖަހާއިރުއެވެ.

މިއީ މުބާރާތުގައި ރާއްޖެ ކުރިމަތިލާނެ އެންމެ އުނދަގޫ އެއް މެޗު ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖެ

ރާއްޖެއަކީ ފުޓްސަލްގެ ހުނަރުވެރިން ގިނަ، މި ކުޅިވަރު ކުޅޭނެ ވަޞީލަތްތަކާއި ފުރުސަތު އޮތް ގައުމެކެވެ. ގިނަ އަދަދެއްގެ މުބާރާތްތަކާއި އެކިއެކި ކަންކަމަށް ޙާއްސަ މެޗުތައް ރާއްޖޭގައި ކުޅެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ކުޅުންތެރިން މިފަދަ މެޗުތައް ކުޅެނީ، ބައިނަލްއަގްވާމީ މައިދާނުގައި ކުޅެން ޖެހޭ ފަދަ ޕިޗެއްގައެއް ނޫނެވެ.

މިއީ މިފަދަ މުބާރާތަކަށް ނުކުންނައިރު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އިންޑޯ ޕިޗެއް ނެތުމެވެ. މިކަމުގެ ކަންބޮޑުވުން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ރާއްޖެއިން 14 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލްކޮށް މުބާރާތަށް ފުރާފައިވާއިރު ޓީމުގެ އަމާޒަކީ، މިފަދަ ގޮންޖެހުންތަކުގެ ވާހަކަދައްކައި އުޒުރުދެއްކުމުގެ ބަދަލުގައި، ރާއްޖޭގައި، އައުޓްޑޯ ޓާފުގައި ކުރި ފަރިތަކުރުންތަކުގެ އެހީގައި ޤައުމާއި ރައްޔިތުން ފަޚުރުވެރިވާފަދަ މޮޅު ކުޅުމެއް ދައްކައި ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ.

ރާއްޖޭގެ ކޯޗު އާތިފް މުހައްމަދު (އާތީ) ގެ ބަސް

މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އާތިފް މުޙައްމަދު (އާތީ) ބުނީ، މެޗުގެ ކުރިން އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ދެ ފަހަރު ލިބުމުން، އެ ޕިޗަށް ހޭނެން ކުޅުންތެރިންނަށް ފުރުސަތު ލިބުނު ކަމަށެވެ. އެގޮތުން އެ ކުޅުންތެރިން ބޭނުންކުރާ ބޫޓަކީ ވެސް އިންޑޯ ޕިޗަށް މުޅިން އައު ބޫޓުތަކެއް ކަމަށް ވުމުން، ބެލެންސް މައްސަލަ ޖެހުންފަދަ ކަންކަން ދިމާވި ކަމަށާއި ނަމަވެސް އެކަމަށް ހާއްަސަކޮށް މޫވްމަންޓް ޓްރެއިނިން ތަކެއް ހެދުމުން، މިހާރު ވަރަށް ބޮޑަށް އެކަން ވެސް ރަނގަޅުވެފައިވާކަން ކޯޗު އާތިފް ފާހަގަކުރިއެވެ.

ކޯޗު އިތުރަށް ބުނީ، ތައިލެންޑަށް ފުރީ މިވަގުތަށް ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑު ނަގައިގެން ކަމަށާއި، ތައިލެންޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު، ފުރަތަމަ އަރާ ފަސް ކުޅުންތެރިންވެސް ކަނޑައެޅިފައިވާ ކަމަށެވެ. އިތުރު ބަދަލުތަކެއް ގެންނަންޖެހޭނަމަ އެ ބަދަލެއް ގެންނާނީ ފުރަތަމަ މެޗުގައި ކުޅޭ ކުޅުމަށް ބެލުމަށްފަހުގައިކަމަށް ކޯޗު އާތިފް ބުންޏެވެ.

އާތިފް ބުނީ ޓީމުގައި އެއްވެސް އަނިޔާގެ މައްސަލައެއް ނޫޅޭ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.

ތަޖުރިބާ

ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުން މީގެކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމު ތަމްސީލުކުރި ނަމަވެސް، މިއީ ރާއްޖޭގައި ޤައުމީ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައި، ޤައުމު ތަމްސީލުކުރުމަށް ވާދަވެރި މެޗުތަކެއް ކުޅޭނެ ފުރަތަމަ ފަހަރެވެ.

އެހެންކަމުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އަންހެނުންގެ ފުޓްސަލްގައި އެއްވެސް ތަޖުރިބާއެއް މިހާތަނަށް ލިބިފައެއް ނެތެވެ. މުބާރާތުގައި ވާދަކުރާ އިންޑިއާގެ އިތުރުން، ރާއްޖެ ހިމެނޭހެން އެހެން އެއްވެސް ޓީމަކީ ފީފާގެ އަންހެނުންގެ ފުޓްސަލްގައި ރޭންކު ވެސް ކުރެވިފައިވާ ޤައުމުތަކެއް ނޫނެވެ.

ޓީމު

އިންޑިއާ

އިންޑިއާ އަކީ ޝައްކެއް ވެސް ނެތް ގޮތުގައި މި ސަރަހައްދުގައި ގާތްގަނޑަކަށް ހުރިހާ ކުޅިވަރެއްގައި ވެސް ގަދަބާރެކެވެ. ވަސީލަތާއި މާލީ ގޮތުންނާއި، ފުރުސަތުގެ ގޮތުން ބެލިޔަސް، ކުޅިވަރުގައި އިންޑިއާ އާ މި ކަންކަމުން ފައިހަމަ ކުރުމަކީ އަދި ކުރެވޭނެ ކަމެއް ނޫނެވެ.

އިންޑިއާއިން ތައިލެންޑަށް ފުރީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ އެއް މަސް ދުވަސް ކުރިން ފެށިގެން އެ ޓީމުން ގެންދިޔައީ ބެންގަލޫރުގައި ކޭމްޕުކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އިންޑިއާ އެފްއޭ އިން ޤަބޫލުކުރާ ގޮތުގައި މިއީ ފުޓްސަލްގައި އިންޑިއާގެ ޤައުމީ އަންހެން ޓީމުން އެ ޓީމުގެ ނަން ފަވާލައި، ފައިތިލަ ސާބިތުކުރާނެ މުބާރާތެވެ. މިއީ އެ ޓީމުން ފުޓްސަލްގައި ފުރަތަމަ މެޑަލް ހޯދާނެ މުބާރާތްކަމަށް އެ ގައުމުގެ އެފްއޭއިން ވެސް އަދި މީޑިއާތަކުން ވެސް ގަބޫލުކުރެއެވެ.

އިންޑިއާގެ ކޯޗު ޖޯޝުއާ ވާޒްގެ ބަސް

މީގެކުރިން ވެސް ބައިނަލްއަގްވާމީ މުބާރާތެއްގައި އިންޑިއާގެ ޤައުމީ އަންހެން ފުޓްސަލް ޓީމުން ވާދަކޮށްފައިވާއިރު އެ ޓީމަށް ވެސް އިރުޝާދު ދީފައިވަނީ މިފަހަރުގެ ވެސް ކޯޗު، ޖޯޝުއާ ވާޒްއެވެ.

މިފަހަރުގެ މުބާރާތާ ގުޅޭގޮތުން ވާޒް ބުނީ، އޭނާގެ ޓާގެޓް ވަަރަށް ސާފު ކަމަށެވެ. އެ ޓީމަށް މި މުބާރާތުން ތަށި ހޯދުން ނޫން އިތުރު އެއްވެސް ގޮތެއް އޮތްކަމަކަށް ވާޒް ގަބޫލެއް ނުކުރެއެވެ.

އެހެންނަމަވެސް މި މުބާރާތުގައި ވާދަކުރާ ޓީމުތަކުން މީގެކުރިން ވާދަވެރި މެޗުތަކެއް ކުޅެފައި ނުވާތީ، ޓީމުތަކުގެ ފެންވަރު ދެނެގަންނަން އުނދަގޫކަން ގަބޫލުކުރާ ކަމަށާއި، ޓީމު ގެންގުޅެންވީގޮތް، ކުޅުން ބައްޓަންކުރަންވީގޮތް ދެނެގަނެވޭނީ ފުރަތަމަ މެޗަށްފަހުގައިކަމަށް އޭނާ ބުނެފައިވެއެވެ.

ވާޒް އިތުރަށް ބުނީ، އިންޑިއާ ޓީމަކީ ޒުވާން ޓީމެއް ކަމަށާއި އެވްރެޖް އުމުރަކީ 21 އަހަރުކަމުން، މިއީ ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އަދި މުސްތަގްބަލަށް ވިސްނާއިރު ވެސް މިއީ އެޅޭ މުހިންމު ބިންގަލެއްކަން އޭނާ ފާހަގަކުރިއެވެ.

ތަޖުރިބާ

ކުރިން ވެސް ފާހަގަކުރި ގޮތަށް އިންޑިއާ އަކީ މި މުބާރާތުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ބައިނަލްއަގްވާމީ ތަޖުރިބާއެއް ލިބިފައިވާ ހަމައެކަނި ޓީމެވެ.

އިންޑިއާއިން ވަނީ 2025 ވަނަ އަހަރުގެ އޭއެފްސީ ވިމެންސް ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކޮށްފައެވެ.

އެ މުބާރާތުގައި އިންޑިއާއިން ކުޅުނު ހުރިހާ މެޗަކުން ވެސް ވީ ބައްޔެވެ. އެހެންނަމަވެސް ދުނިޔޭގެ ނިސްބަތުން އަދި ރޭންކިންއަށް ބަލާއިރު ވެސް ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެފައިވުން މިއީ އިންޑިއާއަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. ޙާއްސަގޮތެއްގައި، އިންޑިއާއިން މިފަހަރު އެކުލަވާލި ސްކޮޑުގައި، އެފަހަރުގެ ކޮލިފައިންގައި ކުޅޭ ހަތް ކުޅުންތެރިން ހިމެނޭއިރު، މިއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެއެވެ.

ކޮލިފައިންގައި އިންޑިއާއިން ކުޅުނީ ރޭންކިންގެ 32 ވަނައިގައި އޮތް ހޮންކޮންގާއި، 18 ވަނައިގައި އޮތް އިންޑޮނީޝިއާގެ އިތުރުން 65 ވަނައިގައި އޮތް ކިރްގިސްތާނާ ދެކޮޅަށެވެ. އިންޑިއާއިން ކިރްގިސްތާން އަތުން ބަލިވި ނަމަވެސް އެ މެޗުގައި ތިން ލަނޑު ޖަހާފައިވެއެވެ.

ޓީމު

ކޮންމެ އަކަސް މި މެޗު ވެގެންދާނީ ސަރަހައްދީ ފުޓްސަލްގައި ވެސް އަދި ރާއްޖެއަށް ވެސް ލިބިގެންދާ ވަރަށް މުހިންމު ކުރިއެރުމަކަށެވެ. މީގެކުރިން ނުލިބި ހުރި އެތައް ފުރުސަތުތަކަކާއި ތަޖުރިބާތަކެއް މި މުބާރާތުގެ ތެރެއިން ރާއްޖެއަށް ވެސް އަދި އެހެން ގައުމުތަކަށް ވެސް ލިބިގެންދާނެއެވެ.

ސަރަހައްދީ ގައުމުތަކުގެ ފުޓްސަލްގެ ފެންވަރު ވަޒަންކޮށްލަން ވެސް މި މުބާރާތް ވެގެންދާނީ ރަނުގެ ފުރުސަތަކަށެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.