އީރާންގެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުޒާހަރާގެ ބައިވެރިންނަށް އެހީވުމުގެ ނަމުގައި އެމެރިކާއިން އީރާނަށް އަރާފާނެތީ، ޔަހޫދީންގެ ނިރުބަވެރި ދައުލަތް ތައްޔާރީ ޙާލަތަށް ގެނެސްފައިވާކަން ހާމަވެއްޖެއެވެ.
އީރާންގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ.
މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެ އިންޒާރުތަކާ ގުޅިގެން، މިދިޔަ ހަފްތާ ބަންދުގައި ޔަހޫދީންގެ ސަލާމަތީ އިސް އޮފިޝަލުންގެ ބައްދަލުވުމެއްގައި އެކަމުގެ މަޝްވަރާތައް ކުރެވުނުކަމަށް، ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.
ނަމަވެސް، ޔަހޫދީން ތައްޔާރީ ޙާލަތަށް އައުމުގެ ސީދާ މާނައަކީ ކޮބައިކަމެއް ސާފެއް ނޫނެވެ.
މީގެއިތުރުން، ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ފޯނުން ގުޅައި ވެސް، އެކަމުގެ މަޝްވަރާތަކެއް ކުރި ކަމަށް ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އީރާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، ވަނީ އީރާނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.
އީރާނުގައި ކުރަމުންދާ މުޒާހަރާތައް މިހާރު ވަނީ ގިނަ ސަރަޙައްދުތަކަށް ފެތުރިފައެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، އީރާންގެ ސަރުކާރުން ވަނީ ގިނަ ސަރަޙައްދުތަކަށް އިންޓަރނެޓުގެ ޚިދުމަތްވެސް ކަނޑާލައިފައެވެ.