ޚަބަރު

އަހަރުތަކެއް ވަންދެން އެމެރިކާގެ ބެލުމުގެ ދަށުން ވެނެޒުއެލާ ހިންގުމުގެ ފުރުޞަތު ބޮޑު


ކުރިއަށް އޮތް އެތަކެއް އަހަރެއް ވަންދެން ވެނެޒުއެލާގެ ކަންކަން ހިންގާނީ އެމެރިކާގެ ބެލުމުގެ ދަށުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ބެލުމުގެ ދަށުން ވެނެޒުއެލާ ހިންގާނީ ކިހާ މުއްދަތަކަށްތޯ ޓްރަމްޕްއާ ވަނީ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެކަން އެތަކެއް އަހަރަށް ދިގުދެމިގެންދިޔުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

މިދިޔަ ހަފްތާ ބަންދުގައި، އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.

ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމާ އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގެންފައެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ވެނެޒުއެލާގައި ތާށިވެފައިހުރި 50 މިލިއަނެއްހާ ފީފާ ތެޔޮ، އެމެރިކާ މެދުވެރިކޮށް ވިއްކުމަށް ވެނެޒުއެލާގެ އިންތިޤާލީ ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޓްރަމްޕް ނިއު ޔޯކް ޓައިމްސްއަށް ވިދާޅުވީ، ވެނެޒުއެލާގެ ތެލުގެ ވިޔަފާރި އެމެރިކާގެ ބެލުމުގެ ދަށުން އަލުން އިއާދަކުރާނީ، އެ ޤައުމުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ ލާބަ އާއި މަންފާ ލިބޭ ގޮތަށް ކަމަށެވެ.

މިގޮތުން، ވެނެޒުއެލާގެ ވަގުތީ ރައީސް ރޮޑްރީގޭޒް އާއެކު ވަރަށް ރަނގަޅު ގުޅުމެއް ޤާއިމުކުރެވިފައިވާ ކަމަށާއި އެމެރިކާއިން ބޭނުންވާ ހުރިހާ ކަމެއްގައި އެއްބާރުލުން ލިބެމުންދާކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ.