ކުޅިވަރު

އެފްރިކާ ކަޕުގެ ގަދަ 16ގައި މިސުރަށް އޮތީ ފަސޭހަ މެޗެއް


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާއިރު ގަދަކަމަށް ކިޔާ ޓީމުތަކަށް ހުރީ ފަސޭހަ މެޗުތަކެއް ކަމަށް ބެލެވިއްޖެ އެވެ.

މި ގޮތުން މުބާރާތުގެ އެއް ފެވަރިޓުން ކަމަށްވާ މުހައްމަދު ސަލާހްގެ މިސުރު ވާދަކުރަން ޖެހޭނީ ބެނިންއާ އެވެ. މި މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރޭގަ އެވެ. ގަދަ 16ގައި ފެނިގެންދާނެ އެންމެ ވަރުގަދަ އެއް މެޗަކަށްވާނީ ދެކުނު އެފްރިކާ އާއި ކެމަރޫން ބައްދަލުކުރާ މެޗެވެ. މި މެޗު ކުޅޭނީ މިސުރުގެ މެޗުގެ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ގަދަ 16ގެ މެޗުތައް މިރޭ ފަށާނީ ސެނެގާލް އާއި ސޫދާންގެ މެޗުންނެވެ. އެއަށްފަހު އޮންނާނީ މާލީ އާއި ޓިއުނީޝިޔާ މެޗާއި މުބާރާތް ބާއްވާ ގައުމު މޮރޮކޯ އާއި ޓެންޒޭނިޔާގެ މެޗެވެ. ނައިޖީރިއާ ވާދަކުރާނީ މޮޒަންބީކާ އެވެ. އަލްޖީރިޔާ ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. މި ބުރުގެ ފަހު މެޗުގައި ހޯމަ ދުވަހގެ ރޭ އައިވަރީ ކޯސްޓް ބައްދަލު ކުރާނީ ބުރުކީނަފާސޯއާ ދެކޮޅަށެވެ.

މުބާރާތުގެ ފުރަތަމަ ބުރުން ކެޓުމުން ގެބޯންގެ ގައުމީ ޓީމު އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ މުއްދަތެއް ނެތި ސަސްޕެންޑްކޮށްފަ އެވެ.

ކޮންމެ ދެ އަހަރަކުން ބާއްވާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް 2027ގައި ބޭއްވުމަށްފަހު ދެން ބާއްވާނީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އެވެ. މި ބަދަލާމެދު އެކި ކޯޗުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ.