ޚަބަރު

ފާސިރުގެ ހެޓްރިކާއެކު އޮޑި ބަލިކޮށް ނިއު ސެމީއަށް


  • ނިއުރޭޑިއަންޓް މެޗު ކާމިޔާބުކުރީ 4-0

  • ސެމީ ފައިނަލްގައި ނިއު ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާ

  • ސެމީ ފައިނަލް ކުޅޭނީ މިއަންނަ ބުދަ ދުވަހުގެ ހަވީރު

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް ހޯދި މޮޅާއެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 4-0 އަކުންނެވެ. މިމެޗުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ ފާސިރު ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

މެޗު ފަށައިގެން ދެވަނަ މިނެޓުގެ ތެރޭގައި ފުރަތަމަ ހަމަލާ ފޮނުވާލި އޮޑި ސްޕޯޓްސް ކްލަބުންނެވެ. ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހުޒަމް ރަޝީދު ކީޕަރުގެ ނިއަރ ޕޯސްޓަށް ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުންނެވެ. 20 ވަނަ މިނެޓުގައި ނިއުރޭޑިއަންޓުގެ އަލީ ފާސިރު އޭރިއާ ބޭރުން ލިބުނު ހިލޭޖެހުން ފޮނުވާލީ ވޯލްމަތިން ގޯލުގެ މަތީ ކަނަށެވެ. އަދި އޭގެ 10 މިނެޓުފަހުން ބޯޅައާއެކު އޭރިއާތެރެއަށް ވަދެ ކީޕަރުގެ ދުރުކަނަށް ފޮނުވާލި ބޯޅައާއެކު އަލީ ފާސިރު ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނިއުގެ ލީޑް ފުޅާކޮށްދީފައެވެ.

ނިއުރޭޑިންޓުގެ ތިންވަނަ ލަނޑު ފާސިރު ޖަހައިދިނީ ދެވަނަ ހާފްގައި މައިސާން ތިރިތިރިން ގޯލުކުރިމައްޗަށް ނަގައިދިން ހުރަސް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ނިއުއިން ޖެހުމުގެ ކުރިން ދެވަނަ ހާފްގައި ނިއުގެ ލީޑު އެންމެ ލަނޑަށް ކުޑަކުރަން އޮޑި ސްޕޯޓްސް ކްލަބަށް ރަނުގެ ފުރުސަތެއް ވަނީ ލިބިގެންގޮސްފައެވެ.

އޮޑީގެ އަރިމަށްޗަށް ކުޅެމުންދިޔަ މުޒްދާން ބޯޅަ ހިފައިގެން ނިއުގެ އޭރިއާތެރެއަށް ވަދެ ނަގައިދިން ހުރަސް މުޅިން ހުސްކޮށް ހުރެ އިބްރާހިމް ވަހީދު ހަަސަން ފޮނުވާލުމުން ދިޔައީ ގޯލާ ސީދާނުވެ ބޭރަށެވެ.

ނިއުރޭޑިއަންޓުގެ 4 ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ބިދޭސީ ފޯވާޑް އެލްހާޖީ ގެރޯއެވެ. މިލަނޑަކީ ބިދޭސީ މިޑްފިލްޑަރ ސިލްވަ ނަގައިދިން ހުރަހަކުން މުޅިން ހުސްކޮށް ހުރެ ގެރޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން ބަލިވި އޮޑި ސްޕޯޓްސް ކްލަބަށް މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމުނީއެވެ. އެފްއޭ ކަޕްގެ ސެމީފައިނަލްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ 3 ވަނަ ޑިވިޝަންގެ ބްލޫ ސްޕޯޓްސް ކްލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ.