މި ނިމުނު އަހަރު މަސްވެރިންނަށް 927 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމިދިޔަ އަހަރު މިފްކޯއަށް 58،000އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 927،867،656 (ނުވަސަތޭކަ ހަތާވީސް މިލިޔަން އަށްލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ފަންސާސް ހަޔެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބުރުވަރީ މަހުއެވެ. އެގޮތުން އެމަހު މަސްވެރިންނަށް 138.9 މިލިޔަން ރުފިޔާވަނީ ދޫކޮށްފައެވެ.
* 2025 ޖަނަވަރީ: 119.3 މިލިޔަން ރުފިޔާ
* 2025 ފެބުރުވަރީ: 138.9 މިލިޔަން ރުފިޔާ
* 2025 މާރިޗު: 87.4 މިލިޔަން ރުފިޔާ
* 2025 އެޕްރީލް: 101.1 މިލިޔަން ރުފިޔާ
* 2025 މޭ: 103.5 މިލިޔަން ރުފިޔާ
* 2025 ޖޫން: 58.2 މިލިޔަން ރުފިޔާ
* 2025 ޖުލައި: 62.2 މިލިޔަން ރުފިޔާ
* 2025 އޮގަސްޓު: 46.3 މިލިޔަން ރުފިޔާ
* 2025 ސެޕްޓެންބަރު: 39.3 މިލިޔަން ރުފިޔާ
* 2025 އޮކްޓޫބަރު: 31.3 މިލިޔަން ރުފިޔާ
* 2025 ނޮވެންބަރު: 39.6 މިލިޔަން ރުފިޔާ
* 2025 ޑިސެންބަރު: 100.7 މިލިޔަން ރުފިޔާ
މި ނިމުނު 2025ވަނަ އަހަރަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިންމު ނިންމެވުންތަކެއް ނިންމާ މި ނިންމުންތައް ތަންފީޒުކުރެވެން ފެށުނު އަހަރެކެވެ. އެގޮތުން، މިފްކޯއިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން، މި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތައް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.