ޚަބަރު

އުތުރުގައި ފުސްދުން އިތުރުވެ، ފުނަދޫ ޓެސްޓު ފްލައިޓު ފަސްކޮށްފި


  • ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރު ފެށުމަށްޓަކައި ޓެސްޓު ފްލައިޓު ކުރިން ދިޔުމަށް ހަމަޖެހިފައި އޮތީ މިރޭ

  • ވިޒިބިލިޓީ ދަށްވުމާއި ގުޅިގެން މިހާރު އެފްލައިޓުވަނީ މާދަމާ ހަވީރަށް ބަދަލުކޮށްފައި

ރާއްޖޭގެ އުތުރުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ބާއްވަން ހަމަޖެއްސި ޓެސްޓު ފްލައިޓު މާދަމާއަށް ފަސްކޮށްފައިވާކަމަށް އައިލެންޑް އެވިއޭޝަން ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުނަދޫއަށް ޖެއްސުމަށް ކުރިން ހަމަޖެހިފައި އޮތް ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައި އޮތީ މިރޭ 0930 ހުގައެވެ.

ރާއްޖެ ސަރަޙައްދަށް އަރަމުންދާ ފުސްދުމުގެ ސަބަބުން ވިޒިބިލިޓީވަނީ ދަށްވެފައެވެ. އޭގެ ސަބަބުން ފްލައިޓުތައް ޖެއްސުމުގައި ޚާއްސަ ސަމާލުކަމެއްވަނީ ދޭންޖެހިފައެވެ. މިކަމުގެ ސަބަބުން ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ސިވިލް އެވިއޭޝަން އޮތޯރިޓީއިން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ހަމަޖެހިފައި އޮތް ޓެސްޓު ފްލައިޓުވަނީ ފަސްކޮށްފައެވެ.

އައިލެންޑް އެވިއޭޝަން ސަރވިސް އިން ވިދާޅުވީ، ރާއްޖޭގެ އުތުރުގައި ފުސްދުން އިތުރުވެ ވިޒިބިލިޓީ ދަށްވުމާއި ގުޅިގެން ޓެސްޓު ފްލައިޓު މާދަމައަށް ފަސްކޮށްފައިވާކަމަށެވެ. އެކުންފުނިން ވިދާޅުވީ މިހާރު ކަނޑައަޅާފައި އޮތްގޮތުން ފުނަދޫއަށް ދާ ޓެސްޓު ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 05:30 ހުގައެވެ. އަދި އެފްލައިޓު އަނބުރާ މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 06:45 ގައިކަމަށް އައިލެންޑް އެވިއޭޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ފުނަދޫގެ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް އެމްއޭސީއެލްއާއި ހަވާލުކުރައްވާފައެވެ. ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ މިއަހަރު ނިމުމުގެ ކުރިން އެރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.

"އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށްޓަކައި ބޭނުންވާ ލައިޓު ހަރުކުރުމުގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ހަރުކޮށްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުދެން." ރައީސް ވިދާޅުވިއެވެ.

ފުނަދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓު ހަރުކުރުމާއި، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓް ހެދުމުގެ އިތުރުން ޓަރމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތަކެއް ހަރުކުރުމަށްވަނީ ކަނޑައަޅާފައެވެ.

ށ. ފުނަދޫ އެއަރޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރު ގައެވެ. ށ.އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއަރޕޯޓަކީ ފުނަދޫ އެއަރޕޯޓެވެ. ފުނަދޫގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ރަންވޭއެކެވެ.