ކީރިތި ޤުރުއާނުގެ ޢިލްމަކީ މިހާރު ރާއްޖޭގައިވެސް ވަރަށް ފުޅާވެ ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ވަކިން ޚާއްސަކޮށް ތަފާތު ރާގު ރާގަށް ރީތިކޮށް ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމަކީ ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައިވެސް އާންމުވަމުން އަންނަ ރީތި އާދައެކެވެ. މިއީ، އެފަދަ ކުއްޖެއްގެ ޝަޢުޤުވެރި ވާހަކައެވެ.
ނ. ހޮޅުދޫ ކައްތިރި، ޢާއިޝަތު ޝައިރީ އިބްރާހީމަކީ، މޭނާ ސްކޫލުގައި ގްރޭޑް 7 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ. އުނގެނުމާއި ކަންކަން ދަސްކޮށް ތަޖުރިބާ ކުރުމުގެ ތެރެއިންވެސް ޝައިރީ އެންމެ ގަޔާވީ ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔެވުމަށެވެ.
ޝައީރީގެ މަންމަ ސުމައްޔަތު ސަޢީދު ބުނިގޮތުގައި ޝައިރީއަކީ، ވަރަށް ތުއްތުއިރުންސުރެ ޤުރުއާން ކިޔެވުމަށް ޝައުޤު ހުންނަ ކުއްޖެއް ކަމަށެވެ. އެހެންކަމުން ޝައިރީއަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ކުއްޖަކަށްވުމަކީ އަބަދުވެސް ދެކޭ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ސުމައްޔަތު ބުންޏެވެ.
"ވަރަށް ކުޑައިރުންސުރެއްވެސް އެކަމަށް މަސައްކަތް ކޮށްދެވޭ. ކައިރީގައި ބައިންދައިގެން ވަރަށް ފަހަކާޖެހެންދެންވެސް ހަމަ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރިން. މިހާރު ދެން ބޮޑުވީމަ އެކިއެކި ރާގުތަކާ އެއްޗެހި ދަސްކުރަން ޝައިރީ ހަމަ އަމިއްލައަށް އެ މަސައްކަތް ކުރަނީ. އެހެންވެ ކުޑައިރުންސުރެއްވެސް އެކަމަށް ހަމަ ވަރަށް މަސައްކަތް ކޮށްދެވޭ." ޝައިރީގެ މަންމަ ބުންޏެވެ.
ޝައިރީ ބުނިގޮތުގައި އޭނާ ބޮޑުވަމުން އައިއިރު ގޭތެރެއިން މަންމައާއި މާމަގެ ފުށުން ޤުރުއާން ކިޔެވުމުގެ އާދަ ފެނުމަކީ، އޭނާ މިކަމަށް ހިތްޖެހި ލޯބި އުފެދުނު އެންމެ ބޮޑު ސަބަބެވެ.
އެންމެ ތުއްތުއިރު މަންމައާއި މާމަަގެ އެހީތެރިކަން ޤުރުއާން ކިޔަވަން ދަސްކުރުމުގައި ލިބުނު ނަމަވެސް ތަޖުވީދުގެ ހަމަތަކާއި، ވިސްނަންވީ ކަންކަމާއި، އެކި ރާގުތަކަށް ޤުރުއާން ކިޔެވުމަށް އެ ބޭނުންވާ ހުނަރު ޝައިރީ މިހާރު ދަސްކުރަމުން އަންނަނީ ހަމަ އޭނާގެ އަމިއްލަ ޝައުގާއި މަސައްކަތުންނެވެ.
"އަޅުގަނޑު ޤުރުއާން ކްލާހަށްވެސް ދަން، އޮންލައިން ކްލާސްވެސް ނަގަން، އަދި ގޭގައި ލިބޭ ހުސްވަގުތު ބޭނުންކޮށްގެންވެސް ޤުރުއާން ކިޔަވަން. އެންމެ ޚާއްސަ ވަގުތެއްގެ ގޮތުގައި އަޅުގަނޑު އެންމެ ގިނައިން ޤުރުއާން ކިޔަވަނީ ދެ ނަމާދު ދޭތެރޭ." ޝައިރީ ބުންޏެވެ.
ޝައިރީ ވަނީ، ސްކޫލް ފެންވަރުގައާއި ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބޭއްވި ޤުރުއާން ކިޔެވުމުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތަކެއްވެސް ހާޞިލުކޮށްފައެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، ހޮޅުދޫގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބެޓަރ އެންވަޔަރަމަންޓް ފޯރ ޔޫތު ސޮސައިޓީ (ބޭސް) ޖަމްޢިއްޔާގެ ފަރާތުން ހޮޅުދޫއަށް ހުޅުވާލައިގެން ބޭއްވި "ރަންތަރި" ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ އޭނާ ހާޞިލު ކުރުމެވެ.
މި މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް ބޭސް ޖަމްޢިއްޔާގެ ފަރާތުން ވަނީ، ހިލޭ ޢުމްރާ ދަތުރަކާއި 25،000 ރުފިޔާގެ ފައިސާގެ އަގުހުރި އިނާމެއް ހުށަހަޅާފައެވެ. މިއީ، މިފަހުން ހޮޅުދޫގައި ރަށު ފެންވަރުގައި ބޭއްވި މިފަދަ އެންމެ އަގުބޮޑު އެއް މުބާރާތްވެސްމެއެވެ.
"ވަރަށް އުފާވި އަސްލު އެގަޑީގައި މޯޓިވޭޝަންވެސް ވަރަށް ހައިކޮށް ހުރި ގަޑިއެއް. އެކަމު ހަމަ ވަރަށް ނާވަސްވެސްވި އެގަޑީގައި ނަން އިޢުލާންކުރި ވަގުތު. ވަރަށް ބޮޑަށް ޝުކުރުވެރިވަން އަސްލު އެކަހަލަ ބޮޑު މުބާރާތެއް ބޮޑު އިނާމުތަކަކާ އެއްކޮށް ބޭސްގެ ފަރާތުން އިންތިޒާމް ކުރީމަ." ޝައިރީ ބުންޏެވެ.
މީގެ އިތުރުން ޝައިރީ ވަނީ، އެންމެ ފަހުން ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން މުއައްސަސާތަކުގެ ބައިން 5 ފޮތް ބަލައިގެން ކިޔެވުމުގެ ގިންތިންވެސް އެއްވަނަ ހާޞިލުކޮށްފައެވެ.
ޝައިރީ ބުނިގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކާއި ބާރަކީ، ލޯބިވާ މައިންބަފައިންނާއި އާއިލާ މެންބަރުން ހަމައެހެންމެ ސްކޫލުގައި އޭނާއަށް ކިޔަވައިދޭ މުދައްރިސުންނާއި އުސްތާޛުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމެވެ.
ޤުރުއާން ކިޔެވުމުގައި ބޭނުންކުރާ ތަފާތު ރާގުތަކުގެ ތެރެއިން ޝައިރީގެ އެންމެ ބޮޑު ޝައުގެއް ހުންނަނީ މުޖައްވަދާކޮށް ކިޔެވުމަށެވެ.
މިއީ، އާންމުކޮށް ކިޔަވާ ސްޕީޑަށްވުރެ ތަންކޮޅެއް ލަސް އަދި ދިގުކޮށް ކިޔަންޖެހޭ ރާގެކެވެ. މިއީ، ވަރަށް ގިނަ ދުވަހުން ވަރަށް ގިނަ ވަގުތު އެކަމަށް ދީގެން ނޫނީ ދަސްކުރަން އެހާ ފަސޭހަ ރާގެއް ނޫންކަން ޝައިރީ ފާހަގަކުރިއެވެ.
"އެ ކިޔެވުމަކީ 3 މަސް ދުވަސް ނޫނީ އެއް އަހަރުންވާނެ ކަމެއްނޫން. އަސްލު ވަރަށް ގިނަ ވަގުތު ނަގާކަމެއް އެއީ އޭތި ޕާފެކްޓްކޮށް ރީތިކޮށް ކިޔެވުމަކީ. ހިތުދަސް ކުރިޔަސް، ބަލައިގެން ކިޔެވިޔަސް ޤުރުއާންގެ ތަޖުވީދަށް ކިޔަވަން ޖެހޭނީ. ރާގު ނުއެއް ފެއްތޭނެ ތަޖުވީދަކަށް. ތަޖުވީދު ފައްތަން ޖެހޭނީ ރާގަށް." ޝައިރީ ބުންޏެވެ.
ޝައިރީ މިހާރު އަންނަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ރަންތަރި މުބާރާތުގައި އޭނާ ކިޔެވީ އަދި ސުވާލުތައް ބޮޑަށް އަމާޒުވީ ހަތިމުގެ ފެށޭ ކޮޅުންކަމުން، ޤުރުއާން ހިތުދަސްކުރަން ބޭނުންވަނީވެސް ފެށޭ ކޮޅުން ކަމަށް ޝައިރީ ބުންޏެވެ.
"އުއްމީދުކުރަން ބައިވެރިވާ ކޮންމެ މުބާރާތެއްގައިވެސް ހަމަ އަޅުގަނޑުގެ ބެސްޓް ދައްކައިދޭން. އެންމެ އުއްމީދު ކުރެވެނީ، ޤައުމީ މުބާރާތުންވެސް ހަމަ ކޮންމެ ފަހަރަކު އެއްވަނަ ހޯދުން." ޝައިރީ ބުންޏެވެ.
ޝައިރީ ބުނިގޮތުގައި މިހާރު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ، ޝައިރީއެކޭ އެއްފަދައިން ވީހާވެސް ގިނަ ކުދިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޮނގުން ކުރިއަށް ދިއުމެވެ. މިކަމުގައި ބޭނުމަކީ، ހިތްވަރާއި ނުގުޑާފަދަ ވަރުގަދަ އަޒުމެއްކަން ވަރަށް ޅަ އުމުރުގައިވެސް ޝައިރީ މިވަނީ ސާބިތުކޮށްދީފައެވެ.