ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާކަމަކަށް ނުވާތީ އެތަކެތި މިސްކިތްތަކުން ނެގުމަށް ނިންމައިފިއެވެ.
ސުތުރާ އަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިފަހަކަށް އައިސް، ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ތަކެތި މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މުހިންމުކަމަށެވެ. އެގޮތުން ތަނބެއް ނުވަތަ ފާރެއް ނުވަތަ އެ ނޫން ވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށާއި މިގޮތަށް އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިއީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން. ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން،" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފަ ހުންނަކަން ފާހަގަކުރައްވާފައެވެ. ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަން މިހާރަކަށް އައިސް އިތުރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ކަންކަމަކީ ކޮންމެ ނަމާދެއް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫންކަމަށާއި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރުކަން ފާހަގަކުރައްވާ ވަޒިރު ވިދާޅުވީ އެހެން ނޫނީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރުލުން ސުންނަތުގައި ނޯންނަކަމަށެވެ. ވަޒީރު ވިދާޅުވީ ގަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުން ވެސް ހުއްޓުވަންޖެހޭކަމަށާއި މިސްކިތުގެ ހައިބަތާއި މަތިވެރިކަން ދަމަހައްޓަންވާނެކަމަށްށެވެ.
ސުތުރާތައް މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފަތުވާއެއް ނެރެފައެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުންކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ޚާއްސަ އެއްޗެއް ހަދައިގެން ބޭނުންކުރުމަކީ އެދެވިގެންވާކަމެއް ނޫނެވެ. ސުތުރާއާ ގުޅޭ ފަތުވާގައި ބުނެފައިވަނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިއީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވައެވެ.
ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ޚާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާއިރު، އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށް ފަތުވާގަވެއެވެ. ސުތުރާއަށް ހަދާފައިވާ ހާއްސަ އެއްޗެއް ނޫނެވެ.