ދިވެހީންގެ ނެތެމުންދާ ސަޤާފީ މަސައްކަތްތަކުގެ 8 ދާއިރާތަކުން ފަންނީ މަސައްކަތްތެރީން ތަމްރީނުކުރުމަށް ބޭނުންވާ ސްޓޭންޑަރޑްތަކާއި ޓްރެއިނިންގ މެޓީރިއަލްތައް ތައްޔާރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމްއެންއެސްޑީއޭ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ކޮލެޖާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުންތަކުގައި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝަކީބާ ޢަލީއެވެ. އެމްއައިޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓްރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމެވެ.
މިއެއްބަސްވުންތަކުގެ ދަށުން ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔުމާއި، ތުނޑުކުނާ ވިޔުން، މާވަޑިކަން، ތިލޭރުކަން، ލިޔެލާޖެހުން، ސާންތިވިޔުން، ފޭލިވިޔުމުގެ އިތުރުން ކަސަބު ގެތުމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓަންސީ ސްޓޭންޑަރޑްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކިޔަވައިދިނުމަށް ބޭނުންވާ ޓްރެއިނިން ޕެކޭޖް ތައްޔާރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވި މަސައްކަތްތެރިކަމުގެ ދާއިރާތަކުން އުފައްދާ އައު ޕްރޮގުރާމުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން މުހިންމު ވަޢުދުފުޅުތަކެއް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، އެމްއެންއެސްޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބޭނުންވާ މިންވަރާއި ފެންވަރު ކަނޑައެޅޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑ ސެޓްފިކޭޝަން، އެންޓީޓީސީ ޕްރޮގްރާމްގެ ދަށުން، ވަކިވަކި މަސައްކަތްތަކަށް ޚާއްޞަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތައުލީމީ ނިޒާމަށް ވަދެވި މިދާއިރާތަކުން ސަނަދު ޙާސިލް ކުރެވޭނެ މަގުފަހިވެގެންދާނެއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުންތަކުގެ ސަބަބުން، ދިވެހީންގެ ޤަދީމީ ސަޤާފީ ހުނަރުތައް ދިރުވައި އާލާކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. އަދި ދިވެހި ސަގާފަތުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މި ދާއިރާތަކުން އުފެދޭ ޒުވާން މަސައްކަތްތެރީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ޤައުމީ އިޤްތިޞާދަށްވެސް ފައިދާ ކުރާނެކަމަށެވެ. މިއީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކަ ރައްކާތެރިކޮށް، ހުނަރުވެރި ދިވެހި ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.