ޚަބަރު

"ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަކީ ވާޖިބެއް"


  • ޚުުޠުބާގެ މައުޟޫއަކީ "ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!"

  • ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން

ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން ކަމަށާއި އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!" މި މައުޟޫއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ އަމިއްލަ ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ. ސިކުނޑިއާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން. ގުނައި ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ކަމަށެވެ.

މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހޭ. އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އަހަރެމެން ވިސްނައި ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނޭ ކަމަށާއި، ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުން ކަމުގައި ވިދާޅުވިއެވެ. ފެނުމުގެ ނިޢުމަތް އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، ލޮލުގެ ބޭނުން ހިފާންޖެހޭ ކަންކަމުގައި، އެ ގުނަވަނުގެ ބޭނުންހިފަށް ކަމުގައި ވިދާޅުވިއެވެ.

"އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭ. ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން. އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް." ހުކުރު ޚުޠުބާ ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ ސުންނަތުން ފެންނާން އެބަހުރި ކަމަށާއި މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ.

ކީރިތި ރަސޫލާގެ ޒަމާނުގައި، އިންޖީނުލީ އުޅަނދެއް ނުހުރެއެވެ. މި ޒަމާނުގައި މިހިރަ ފަދަ ޓުރެފިކް ޤަވާޢިދުތަކެއް އޭރަކު ނެތެވެ. ނަމަވެސް މަގުހިނގާ މީހުންގެ ޙައްޤުތަކާއި، މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް އޭރު ވެސް ހުއްޓެވެ. އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމެވެ. އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމެވެ. ހުޠުބާގައި ވިދާޅުވީ އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތި ކަމަށެވެ. ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއްނޫންކަމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވިދާޅުވީ ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ދަތުރު ދުޢާކިއުމަކީ، ޝަރުޢުކުރައްވައިފައިވާ ކަމެއްކަމުގައެވެ.

"ދަތުރަށް ފަށާ އިރު، މި ފަދައިން ކިއުމަކީ ސުންނަތެކެވެ. ކަނޑުދަތުރެއް ކަމުގައިވިއަސް، ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއްކަމުގައި ވިއަސް ދަތުރުދުޢާ ކިއުމަކީ، ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދާން ޖެހެއެވެ. ހަނދާންކޮށްދިނުމުގެ ގޮތުން ދަތުރު ދުޢާގެ ރެކޯޑިންއެއް އިއްވިއަސް، އަމިއްލައަށް ދުޢާ ކިޔާން ސަމާލުކަން ދޭންވާނެއެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށެވެ. އެތައް ބަޔަކަށް ގެއްލުން ވާކަމަށެވެ. އަދި ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫންކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.