ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، "މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ.
މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ދެންނެވުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގެ ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، "މިނިސްޓްރީ އޮފް ޑިފެންސް"ގެ ނަން، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް"ގެ ނަމަށް ބަދަލުކުރައްވާފައިވާކަމަށެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ނަން، މިގޮތަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ، "ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ" އެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް" އަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސަށް ހަމަޖައްސަވައިފައިވާ ނަންބަރު 28 ކަމަށްވެސް އެ ބަޔާނުގައިވެއެވެ.