ޚަބަރު

"މެދުއިރުމަތީގެ ހަނގުރާމައަށް މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދަންޖެހޭ"


  • މަޖިލިސް ރައީސް ވަނީ އައިޕީޔޫގެ 152 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައި

  • ހަނގުރާމައިގެ ސަބަބުން އިންސާނީ އިޤްތިޞާދީ ނުރައްކާތައް ކުރިމަތިވޭ

މެދު އިރުމަތީގެ މައްސަލައަށް މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދުމަށް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ތުރުކީވިލާތުގައި ކުރިއަށްދާ އަޕީޔޫ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ނާމް ޕާލަމެންޓްރީ ނެޓްވޯކުގެ ބައްދަލުވުމުގައެވެ.

ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 5 ވަނަ ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިންސާނީ އަދި އިޤްތިޞާދީ ނުރައްކާތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މަޝްވަރާގެ މަގުން ސުލްހަވެރި ހައްލެއް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ކޮންފަރެންސްގެ މައުޟޫޢުކަމަށްވާ، "ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ސަރަޙައްދުތަކުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި އަދި ފެންބޮޑުވުން ފަދަ މޫސުމީ ނުރައްކާތަކުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެފަދަ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުއެޅުމުގެ މުހިއްމުކަމާއި، ކާރިސާތަކުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމާ ގުޅޭ ޤާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް ހަރުދަނާކުރުމުގައި މަޖިލިސްތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި، ޤައުމީ ތަރައްޤީގެ ސްޓްރެޓެޖީތަކުގައި މޫސުމީ ކަންކަމަށް އިސްކަންދިނުން ހިމެނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި، ޚާއްޞަކޮށް ކޮމިޓީތަކުގެ މަސައްކަތާއި، ބަޖެޓް ދިރާސާކުރުމާއި، ސިޔާސަތުތައް މުރާޖައާކުރުން ފަދަ ކަންކަމުގެ ތެރެއިން މަޖިލިސްތަކުން އަދާކުރާ ދައުރަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ހަކަތައާއި ކުނި މެނޭޖުކުރުން ފަދަ މުހިންމު ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކަށް ހެދުމަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކާ ގުޅުންހުރި ސިޔާސަތުތަކާއި ޤާނޫނުތަކަށް މެދުނުކެނޑި ސަމާލުކަން ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެއްޓާ ރައްޓެހި އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިކުރުމާއި، އައު މާލީ ނިޒާމުތައް އީޖާދުކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، އެންމެހައި ފަރާތްތަކަށް އުންމީދީ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ދެއްވިއެވެ.