ކުޅިވަރު

ފީފާގެ ޑްރީމް ޓީމު ލީޑް ކުރީ ޕީއެސްޖީ އާއި ބާސެލޯނާ


ހުސްވި ސީޒަނުގައި ދުނިޔޭގެ ޑްރީމުގެ ގޮތުގައި ފީފާއިން ހޮވި ފިރިހެން ޓީމު ފްރާންސްގެ ޕީއެސްޖީ އަދި އަންހެން ޓީމު ސްޕޭނުގެ ބާސެލޯނާއިން ލީޑް ކޮށްފި އެވެ.

ފިރިހެން ޓީމުގައި ޕީއެސްޖީގެ ހަ ކުޅުންތެރިން އަދި އަންހެން ޓީމުގައި ބާސެލޯނާގެ ހަތް ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ.

ފިރިހެން ޓީމުގެ ގޯލްކީޕަރަކީ ޕީއެސްޖީ އަށް ކުޅުމަށްފަހު މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޖިއާން ލުއިޖީ ޑޮންނަރޫމާ އެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ފީފާއިން ހޮވި އެންމެ މޮޅު ގޯލްކީޕަރެވެ.

ޑިފެންޑަރުންގެ ގޮތުގައި ހިމަނާފައިވަނީ ޕީއެސްޖީގެ އަޝްރަފް ހަކީމީ އާއި ވިލިއަން ޕަޗޯ އާއި ނޫނޯ މެންޑޭޒްގެ އިތުރުން އިނގިރޭސި ޗެމްޕިއަން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކެވެ.

މިޑްފީލްޑަރުންގެ ގޮތުގައި ހިމަނާފައިވަނީ ޕީއެސްޖީގެ ވިޓީނިއާ އާއި ކުލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބު ކުރި ޗެލްސީގެ ކޯލް ޕަލްމާ އާއި ބާސެލޯނާ އަށް ތިން ތަށި ހޯދައިދިން މިޑްފީލްޑަރު ޕެޑްރީ އާއި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމެވެ.

ފޯވަޑުންގެ ގޮތުގައި ހިމަނާފައިވަނީ ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ އާއި އޭނާއާ އެންމެ ގާތުން ވާދަ ކުރި ބާސެލޯނާގެ 18 އަހަރުގެ ފޯވަޑް ލަމީން ޔަމާލެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އަންހެން ޓީމުގެ ގޯލްކީޕަރަކީ އިނގިރޭސިންނަށް ޔޫރޯ ކާމިޔާބުކޮށްދިން ކީޕަރު ހަނާ ހެމްޓަން އެވެ. ޑިފެންޑަރުންނަކީ ޗެލްސީގެ ލޫކީ ބްރޯންޒް އާއި އާސެނަލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ލިއާ ވިލިއަމްސަން އާއި ބާސެލޯނާގެ އިރޭނާ ޕަރެޑޭސް އާއި ބާސެލޯނާގެ އޮނާ ބަޓްލޭ އެވެ.

މިޑްފީލްޑަރުންނަކީ ހުސްވި އަހަރުގެ ބަލޮންޑޯ އެވޯޑާއި ފީފާގެ އެވޯޑް ވެސް ހާސިލްކުރި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ އާއި އެ ޓީމުގެ ޕަޓްރިކާ ގުއިޖާރޯ އާއި ކެޕްޓަން އެލެޒިޔާ ޕުޓެޔާސް އެވެ. ފޯވަޑުންނަކީ ބާސެލޯނާގެ ކްލައުޑިއާ ޕިނާ އާއި އާސެނަލްގެ އެލެސޮއާ ރުސޯ އާއި މަރިއާނާ ކަލްޑަންޓޭ އެވެ.