މިއަދު ކުރިއަށް ދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ބައެއް ގޮނޑިތައް ކާމިޔާބުކުރެއްވި ކެނޑިޑޭޓުން ޔަޤީންވާން ފަށައިފިއެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން މާލެ ސަރަޙައްދުގައި އެކަނި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި 322 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި، ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔައިރު، މިހާރު ގިނަ ފޮށިތައް ވަނީ ބަންދުކޮށްފައެވެ. އަދި ބަންދުކުރިތާ 30 މިނެޓް ވުމުން ބައެއް ފޮށިތަކުގެ ވޯޓު ގުނުންވެސް ވަނީ ފަށާފައެވެ.
މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ސިޓީތަކުގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ކުރީގައި އުޅެނީ އެމްޑީޕީއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ބޮޑު ދެ ޕާޓީގެ ކެނޑިޑޭޓުން ގޮނޑި ކަށަވަރުކުރަމުންދާއިރު، ބައެއް ދާއިރާތަކުގައި ކުރީގައި އުޅެނީ އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނެވެ.
މި ދެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއްވެސް މިއަދު ކުރިއަށްދިޔައެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.
މިހާތަނަށް ގުނި ގިނަ ފޮށިތައް ދައްކާގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގުކުރުމަށް ގިނަ ރައްޔިތުން ވޯޓުދީފައިވަނީ ނުފެންނަކަމަށެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. އަދި މީހެކުރީގެ އިންތިޚާބުތަކާއި އަޅާބަލާއިރު މި އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު ނިސްބަތުން އިތުރުވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.