ޚަބަރު

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި


  • މި ބޯޑުގައި 7 މެންބަރުން ތިބޭނެ

  • ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގުން

ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު މިއަދު އެކުލަވާލައިފިއެވެ.

މޯލްޑިވްސް ސުނާމީ ބޯޑު އެކުލަވާލީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައެވެ. އެގޮތުން މިއަދު އެކުލަވާލި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ސިއްހީ ވުޒާރާގެ އިތުރުން މާލީ ވުޒާރާއެވެ. މީގެ އިތުރުން ފުލުހުންނައި ސިފައިންއާއި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންވެސް މި ބޯޑުގައި ހިމެނެއެވެ. މި ކޮމިޓި ޗެއާރކުރައްވާނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އަދި ވައިސް ޗެއަރއަކީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުންކަމަށެވެ. އެގޮތުން ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއި މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.

ޔުނެސްކޯއިން މި ޕްރޮގްރާމް އެހެން ގައުމުތަކުގައި ސުނާމީއަށް ހާއްސަކޮށްގެން ހިންގިކަމުގައިވީނަމަވެސް ރާއްޖޭގައި މި ޕްރޮގްރާމް ހިންގަނީ ސުނާމީގެ އިތުރުން ރާއްޖެއަށް ދިމާވާ އެހެނިހެން އަރައްކާތަކަށްވެސް ހޭލުންތެރިކަން އިތުރުކުރެވޭ ގޮތަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސް، ކުޅުދުއްފުއްޓަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަންވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. އެހެން ކަމުން މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިއްމު ބައިނަލްއަޤުވާމީ ރެކޮގްނިޝަންއެކެވެ.