ޚަބަރު

ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ރައީސް ބުރާސްފަތިދުވަހުގެރޭ ބައްދަލުކުރައްވަނީ


  • މި ބައްދަލުކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި

  • ބައްދަލުވުން އޮންނާނީ ޞަލާޙުއްދީން ސްކޫލްގައި

މާލެ އެކި އަވަށްތަކުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބައްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ރައްޔިތުންނާ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގައެވެ. އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނާއި ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އަންގާރަ ދުވަހު ގަލޮޅު އަވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާއިރު، ހުޅުމާލެގެ 2 ފިޔަވަހީގައި ދިރިއުޅުއްވާ ރައްޔިތުންނާ ވަކިން ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.