ޚަބަރު

ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް ޤައުމުތަކުގެ އެއްބާރުލުން މުހިއްމު


  • ރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަަސްރަހުގައި ކުރާ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫން

  • ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކެއްކަން ފާހަގަކުރެއްވި

ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއްކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޚަލީލް މިފަދައިން ވިދާޅުވީ އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސްގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެއީ ވިލެންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި ސަލާމަތާއި މެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ޘަޤާފީ ތަރިކައަށާއި އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި ވަޒީރު ޑރ.ޚަލީލް ފާހަގަ ކުރެއްވިއެވެ. އަދި ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކަށް މިހާރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެ، ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެ އަސަރުތަކެއް ގުޅުންތަކަށް ކުރުމުގެ ބިރުއޮތްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ޔޫ.އެން.އޭ.އޯ.ސީއަށް ގޮވާލައްވާފައެވެ. އަދި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި ޤައުމުތަކުގެ މެދުގައި ހުރި ތަފާތު ތަކަކީ، ބައިބައިވުމުގެ ސަބަބެއްގެ ގޮތުގައި ވިޔަނުދީ، ބާރަކަށް ހެދުމަށް ގޮވާލެއްވިއެވެ.

އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސްގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި އެކި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި މި ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަގާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގައި 161 މެންބަރުން ހިމެނެއެވެ. އެއީ އދ.ގެ 131 މެންބަރު ޤައުމާއި 1 ނޮން-މެމްބަރ ސްޓޭޓާއި، 29 ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.