ޚަބަރު

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރަތަމަ ޝެޑް ދުވާފަރުގައި


  • އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވަޢުދެއް

  • ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ރ.ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމަށްޓަކައި ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މި މަސައްކަތުގެ ދަށުން ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ޤާއިމްކޮށް ޚިދުމަތް ދޭންމިވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވަޢުދެކެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ސިނާޢަތެއެވެ. އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކެއް ސަރުކާރުން ގެންދަވަނީ ފުއްދަވައި ދެއްވަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ އަންނަނީ ދޫކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ގާއިމުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.