ޚަބަރު

ނުކުޅެދުންތެރިކަމެއް ހުރެގެން ބާކީނުވާނޭކަން މިއަދު ޔަގީން


  • ވަޒީފާގެ ފުރުޞަތުތައް ފަނީ ފަހިކޮށްދެއްވަމުން

  • ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ފަހި ފުރުސަތުތަކެއް

  • ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ބާރުވެރިކަން ހޯއްދަވައިދެއްވި

ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 16 އިންސައްތަ ނުވަތަ 1 ބިލިއަނެއްހާ މީހުންނަކީ އުފަންވުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެ މަސައްކަތުން ރަނގަޅު ނަތީޖާއަކާއި ހަމައަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތަށް ބަލާއިރު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފެންނަނީ އެއް މައްސަލަތަކެކެވެ. ހާއްސަ ގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ނެތުމާއި މުޖްތަމައުގެ ތަރައްގީގެ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ނޯންނަ މައްސަލައެެވެ.

އ.ދ.ގެ ރިޕޯޓްތައް ބުނާގޮތުން ނުކުޅެދުންތެރިކަމެއް ނެތް ކޮންމެ 100 މީހެއްގެ ތެރެއިން 56 މީހަކަށް ވަޒީފާގެ ފުރުޞަތު އޮތްއިރު، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ 100 މީހެއްގެ ތެރެއިން ވަޒިފާގެ ފުރުސަތު އޮންނަނީ އެންމެ 26 މީހުންނަށެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި މި ފަރަގު މާބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

ބަޔަކު ހަވާސާގައި: ގައުމީ އުފެއްދުންތެރިކަން މަޑުޖެހިފައި

ތަޖުރިބާކާރުން ބުނާގޮތުން ވަޒީފާ ނުލިބުމަކީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ނިކަމެތިކަމެއް ނޫނެވެ. އެކަމުގެ ސަަބަބުން ގައުމީ ތަރައްގީގެ މަސައްކަތުން ގައުމުގެ ދަރީންތަކެއްް ބާކީކޮށްލެއްވޭކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. ނަތީޖާއަކަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަޒީފާ އަދާކޮށްގެން ގައުމީ ތަރައްގީއަށް ވެދެވެން އޮންނަ އުފެއްދުންތެރިކަމުގެ ހިއްސާ ނުވެވި، ގައުމަށް ލިބެން އޮތް މަންފާތަކެއް ގެއްލިގެން ދިއުމެވެ.

ދިރާސާތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާއި ފަންނާއި މަސައްކަތް ބާކީކޮށްލުމުން އެ ގައުމެއްގެ އުފެއްދުންތެރިކަމަށް ލިބެން އޮންނަ އެތައް ބިލިޔަން ޑޮލަރެއްގެ އާމްދަނީ ނުލިބި، ގެއްލިގެންދެއެވެ.

އިނާޔަތެއް އެކަނި: ވަށާޖެހޭ ހައްލުތަކެއް ނެތް

ރާއްޖެއަށް ބަލާލާއިރު މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 14832 ފަރާތެއް ދަފްތަރު ކުރެވިފައިވެއެވެ. މި ފަރާތްތައް 8 ގިންތިއަކަށް ބަހާލެވޭއިރު އެންމެ ގިނައިން ދަފްތަރު ކުރެވިފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެއީ 4169 ފަރާތެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިހާތަނަށް އައިއިރު ސަރުކާރުތަކުން ކޮށްދެއްވަމުން އައި މައިގަނޑުކަމަކީ ފައިސާގެ އިނާޔަތެއް ދެއްވުމެވެ. އެ ފަރާތްތަކަށް ދެމެހެއްޓެނިވި އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް އެއްވެސް ސަރުކާރަކުން މިހާތަނަށް މާބޮޑު މަސައްކަތްތަކެއް ކުރައްވާފައެއް ނުވެއެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ދައުލަތް ދަންނަ ބަޔަކަށް ނުވާއިރު، މުޖްތަމައުގެ ކަންކަމުގައި އެހެން މީހުން ހަރަކާތްތެރިވާ ފަދައިން ހަރަކާތްތެރިވެވޭނެ އިންތިޒާމްތަކެއްް ހަމަޖެހިފައެއް ނެތެވެ. ދިރިއުޅުން ބިނާކުރުމަށް މަގެއް ހޯދާނެ ގޮތްތަކެއް ފަހިވާނެ ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތެއް އެ ފަރާތްތަކަށް ފަހިކޮށްދީފައެއް ނުވެއެވެ.

އެންމެ ކުޑަމިނުން ސަރުކާރުގެ ހިދުމަތް ހޯދަން ދާންޖެހޭ އޮފީސްތަކާއި ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ މަރުކަޒުތައް ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެނިކުމެވޭނެ ފަދަ ގޮތަކަށްވެސް ނޫނެވެ. މީގެއިތުރުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ކަންކަން އިންތިޒާމްވެފައި އޮތީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތައުލީމުން މަހްރޫމްވާފަދަ ގޮތަކަށެވެ. ކުރުކޮށް ދަންނަވާނަމަ ގައުމުގެ ކަންކަން މިހާތަނަށް އައިއިރު އިންތިޒާމް ކުރެވިގެން އައިސްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ނެތް ބައެއްކަމަށް ބަލައިގެނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

އުއްމީދީ މަސައްކަތްތަކަށް މަޑުޖެހުމެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ބާކީވެފައި ތިބި ބައެއްގެ ގޮތުގައި ތިބި ތިބުމަށް ނިމުން ގެނައުމުގެ މަސައްކަތްތަކެއް ފެށިގެންދިޔައީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ އިތުރުން، މުޖްތަމައުގެ ތެރޭގައި އެހެން މީހުންނެކޭ އެއްގޮތަށް އެ ފަރާތަކަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު އުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސެެވިއެވެ.

ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް އޭރު ފެނިގެންދިޔައެެވެ. ނަމަވެސް ޕީޕީއެމްގެ ސަރުކާރުން އޭރު ފެއްޓެވި މަސައްކަތުގެ ނަތީޖާއަކާއި ހަމައަށް ނުދެވި އުޅެނިކޮށް، ވެރިކަން ބަދަލުވެ، އެ މަސައްކަތް މަޑުޖެހިގެން ދިޔައެވެ.

އައު ޒައާމަތެއް، އައު ވިސްނުންތަކެއް، ވަށާޖެހޭ ހައްލުތަކެއް

އަހަރުތަކަކަށްފަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއާއި އެހެނިހެން ފުރުސަތުތައް ފަހިކޮށްދިނުމުގެ މުޅިން އައު ސަފްހާއެއް ހުޅުވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހުއެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެއްވީ ހަމައެކަނި ގާނޫނުގައި ބުނާ މިންވަރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައްޗަކަށް ނޫނެވެ.

އޭގެބަދަލުގައި ގައުމީ ތަރައްގީގެ މަސައްކަތުގަޔާއި އިގްތިސާދު ކުރިއެރުވުމުގައި އަދި އިޖްތިމާއި ތަރައްޤީގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި ހިއްސާ ބޮޑުކުރެއްވުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއް އެކަށައަޅައި، ތަންފީޒުކުރަން ފެއްޓެވިއެވެ.

މީގެކުރިން ވެރިކަން ކުރި ކޮންމެ ސަރުކާރަކުންވެސް ވިސްނުން ބެހެއްޓެވީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ މާލީ އިނާޔަތް ބޮޑުކުރުމަށެވެ. ނަމަވެސް އިނާޔަތް ބޮޑުކުރެއްވުމަކީ އެކަމަށް އޮތް އެންމެ އެކަށިގެންވާ ހައްލު ނޫންކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އާއި އެހެނިހެން ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކޮންމެހެންވެސް މުހިއްމުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވައެވެ. އަދި އެ ރައްޔިތެއްގެ ކިބައިގައި ހުންނަ ސިފައެއް، ހުންނަ އުނިކަމަކީ ޚިދުމަތްދިނުމުގައި ތަފާތުވެގެން ވާނެ ކަމެއްވެސް ނޫންކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

އެހެންކަމުން އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަންކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ދާއިމީ ހައްލުތަކެއް ހޯއްދަވައިދެއްވުމުގެ މައްޗަށެވެ.

ސަރުކާރުގެ ސިޔާސަތު: އޯގާތެރި، ހަމަހަމަ މުޖްތަމަޢު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަަމަ އެންގެވި މުހިއްމު އެންގެވުންތަކުގެ ތެރޭގައި އަލަށް ހަދާ އިމާރާތްތަކާއި ޕާކުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭ ތަންތަނުގެ ގޮތުގައި ތަރައްޤީކުރުމަށް އެންގެވުން ހިމެނެއެވެ. އަދި މިހާރު ހުރި ޕާކުތަކާއި އިމާރާތްތައް ހުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ ގޮތަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ އަންގަވާފައެވެ.

މީގެއިތުރުން ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ "ރަސްމާލެ" މަޝްރޫޢުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި އަދަދަކަށް ހައުސިން ޔުނިޓްތައް ހާއްސަ ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައި އޮތްނަމަވެސް އެފަދަ މީހުން ދެނެގަތުމަށް ދިރާސާއެއް ހަދައި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް އެއްކޮށްފައިނުވާތީ، މި ސަރުކާރުން އެ މަސައްކަތް ފުރިހަމަކޮށް، ނިންމެވިއެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަަމަކޮށް ބަލަހައްޓަން ފެއްޓެވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަށް ތައުލީމު

"އެ ކުދިންނާއި އެފަދަ އާއިލާތައް ވަރަށް ގިނަ. އެންމެ އެކަށީގެންވާ އިސްކަމެއް ނުދެވޭ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެފަދަ ކުދިންނަށް ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދިނުމުގައެއް. އެންމެންނާ އެކީގައި އުޅުމުގެ ފުރުސަތު ދޭން ޖެހޭނެ،" ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް ހާސިލްކުރުމަށް މީގެކުރިން މާގިނަ ފުރުސަތުތަކެއް ފަހިވެފައެއްް ނެތްއިރު އެފަދަ ކުދިންނަށް ތައުލީމް ދޭނެ ޓީޗަރުންވެސް ތަމްރީނުވެފައި ނެތުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކިޔަވައިދިނުމުގެ ނިޒާމު ފުރިހަމަކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އަންނަ އަހަރު ސަރުކާރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން (ސެން) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ނިމިދިޔަ ސަރުކާރުން ކަނޑާލި ސެން ޓީޗަރުންގެ އެލަވަންސްވެސް ވަނީ މި ސަރުކާރުން އަލުން ދެއްވަން ފައްޓަވާފައެވެ.

ރަސްމީ ތައުލީމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުންވެސް ސަރުކާރުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތައުލީމީ ގޮތުން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ހުޅުމާލޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން "އެމްޕަވަރމަންޓް ހަބް" އެއް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މިއީ ރަސްމީ ތައުލީމުގެ ނިޒާމު ނިންމުމަށްފަހު މުޖުތަމައުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި، ތަފާތު ހުނަރުތައް ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްގީކުރުމުގެ އިތުރުން، އިސްލާމީ ތަރުބިއްޔަތު ދިނުމަށް ހާއްސަކޮށްގެން ގާއިމްކުރާ ތަނެކެވެ.

ވަޒީފާއާއި ތަމްރީންގެ ހުސްނުވާ ފުރުސަތުތައް

ރަސްމީ ތައުލީމަށްފަހު ވަޒީފާއެއް ހޯދުމަކީ ނުކުޅެދުންތެރިކަމެއް ނެތް މިހަކަށްވެސް ފަސެހަ ކަމަކަށް ނުވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަމުގައި ދިމާވާނެ ދަތިތައް މާ ގިނަ ވާނެއެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތް މި ސަރުކާރުން އަލުން ފެއްޓެވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިިޔާސަތު އަލުން އިޔާދަކޮށް އަޅުގަނޑުމެން ސަރުކާރެއްގައި އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ދިނުމަށް ސަރުކާރުގެ ހުރިހާ ދިމާލަކުން ފުރުސަތުތައް ހޯދައިދީ، އޯލް އިންކްލޫސިވް ސޮސައިޓީއަކަށް ހަދައިދޭނަން." ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ބ.ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ނުކުޅެދުންތެރިކަން ހުންނަ 300 އަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ވަޒިފާގެ ފުރުސަތުތައް ވަނީ ފަހިކޮށްދެއްވާފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ހިމެނެއެވެ. އަދި އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެކުރިން އުސޫލެއް އެކުލަވާނުލައި، ޔަގީންކަމެއް ނެތް ގޮތަށް ސަރުކާރުން ވަޒީފާ ދެއްވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޒީފާތައް ހަމަޖައްސަވަމުން ގެންދަވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ޚާއްސަ ސިޔާސަތެއް އެކުލަވާލައްވައިގެނެވެ. އެ ސިޔާސަތުގެ ދަށުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން، އެ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެ އަދި ރައްކާތެރިކަން އިހުސާސްވާފަދަ މާހައުލެއް ގާއިމްވެފައިވާކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދެއްވާ އޮފީސްތަކުގެ މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދީ، އޮފީސްތަކުގެ އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ދަނީ ގެންނަވަމުންނެވެ.

ވަޒީފާ ހަމަޖައްސަވައިދެއްވުމުގެ އިތުރުން، މަސައްކަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީނާއި ހުނަރުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަސްކޮށްދިނުމަށް ވެސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ގެންދަވަނީ ހާއްސަ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދަވަމުންނެވެ. އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަތީ ފަންތީގެ ވަޒީފާގެ ފުރުސަތުތައް ފަހިވުމުގެ އިތުރުން ވަޒީފާގެ ރޮނގުން ކުރިއަށްދާނެ އިތުރު މަގުތައްވެސް ފަހިވެ، ގައުމުގެ މަސައްކަތު އާބާދީވެސް ބޮޑުވެ، އިގްތިސާދަށްވެސް ދުރު މުސްތަގުބަލުގައި ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

އިގްތިސާދީ އެހެން ފައިދާތަކަށް ބަލާލާއިރު ސަރުކާރުން ފަހިކޮށްދެއްވާ ވަޒިފާގެ ފުރުސަތުތަކާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ނުލިބުމުގައި އޮތް ފަރަގު ކުޑަވެގެންދާނެއެވެ. އޭގެ ސަބަބުން އެ ފަރާތްތަކުގެ ހިއްސާ ގައުމީ އުފެއްދުންތެރިކަމުގައި އިތުރުވެ، ގައުމުގެ އިގްތިސާދަށް އެކަމުގެ ސަބަބުން ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެއެެވެ. ވަޒީފާގެ ސަބަބުން ލިބޭ އާމްދަނީ އިތުރުވެ، ކުރާ ހަރަދުތައްވެސް އިތުރުވެ، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގައި އެމީހެއްގެ ހިއްސާ ބޮޑުވެ، ނުކުޅެދުންތެރިކަން ހުންނަ މީހަކީވެސް ދައުލަތަށް މުހިއްމު މީހަކަށް ވެގެންދެއެވެ.

ކުޅިވަރުގެ މައިދާނުގައި ބާރުވެރިކަން

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް ކުޅިވަރު ކުޅެންޖެހޭ ފަރާތްތައް. ކުޅިވަރު ކުޅޭހިތްވާ އެތައްބަޔަކު އެބަތިބި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ތެރޭގައިވެސް. އެހެންނަމަވެސް، އެ ފަރާތްތައް ރެޕްރެޒެންޓް ކުރެވޭނެ އަދި ހައިސިއްޔަތު ލިބިފައި އޮންނަވަރު ވަރަށް ކުޑަ މިހާރު އޮންނަގޮތުން. އެހެންނަމަވެސް، މި ޤާނޫނުގެ މި އިޞްލާޙުގެ ތެރެއިން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއަށް އަޅުގަނޑުމެން އެބަދެން ޤާނޫނީ ބާރުވެރިކަން. ޤާނޫނީ ވަކި ޝަޚްޞަކަށް އެބަ ހެދޭ. ވެގެންދޭ. އެއީ، ވަރަށް މުހިންމު ބަދަލެއް. އަޅުގަނޑުމެން ގެންނަން ބޭނުންވާ ތަރައްޤީއަކީ، އިންކްލޫސިވް ތަރައްޤީއެއް. ހަމަހަމަ ތަރައްޤީއެއް. އެ މީހެއްގެ ހުރި ނުކުޅެދުންތެރިކަމަކީ، އެ މީހަކު ބާކީވާންޖެހޭނެ، ތަފާތުތަކެއް އޭގެ ސަބަބުން، އައިސްގެންވާނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުޅިވަރުގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރެވޭ ގޮތާއި ހައިސިއްޔަތު ލިބިފައި އޮންނަ މިންވަރު ވަރަށް ކުޑައެވެ. އޭގެ މައިގަނޑު ސަބަބަކީ މިހާތަނަށް އައިއިރު އެއްވެސް ސަރުކާރަކުން އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތެއް ކުރައްވާފައި ނެތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގަބޫލުކުރެއްވީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް އެހެން އެތުލީޓުންނަށް އޮންނަ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އޮންނަންޖެހޭނެކަމަށެވެ. އެ ފުރުސަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން، ސަރުކާރުން ވަނީ ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަވައި، ޕެރަލިމްޕިކް ކޮމިޓީއަކީ ގާނޫނީ ވަކި ޝަހްސަކަށް ހައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނެވި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންގެ ކުޅިވަރުތައް ވިލަރެސްކުރާ ޕެރަލިމްޕިކް ކޮމިޓީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިމެނޭ، ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއް ގޮތުގައި ވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި ކުޅިވަރުތައް އެސޯސިއޭޝަންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހަރަކާތްތެރިވާ ކުޅިވަރުތަކުގެ ޑިވިޝަންތައް އުފެއްދުމަށްވެސް ގާނޫނީ ގޮތުން ކަނޑައެޅިގެން ވަނީ ގޮސްފައެވެ. އެކަންކަމުގެ އިތުރަށް ގައުމީ ކުޅިވަރާ ބެހޭ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާނެ މެންބަރަކުވެސް ވަނީ ހިމަނުއްވާފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ބައެއް ކަންކަމެވެ.

ހުނަރު ތަރައްގީކޮށް، އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަށް ދަތިތައް ނައްތާލައި، ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީ ލިބޭނެ ސްކީމްތައް ތައާރަފް ކުރައްވާފައެވެ. އި ވިޔަފާރީގެ ދާއިރާއިން ކަނބަލުން ކުރިއެރުވުމަށް ހުޅުވާލެއްވި 100 މިލިޔަން ރުފިޔާގެ ލޯން ސްކީމްގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރައްވާފައެވެ.

"އަޅުގަނޑުމެން ލޯނު ދޭން ނިންމާފައި ހުރި ކަންކަމުގެ ތެރޭގައި ހިމެނޭ އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް މިހާރު އެވަނީ ތަޢާރުފް ކޮށްފައި. ކަނބަލުން ބާރުވެރިކުރުވުމަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވަޢުދު. މި 100 މިލިއަންގެ ލޯނަށް 216 ފަރާތަކުން އެބައޮތް ކުރިމަތިލާފައި. އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ މީގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ ލޯނަށް ހަދަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ތަފާތު މޮޅު ހުނަރުތައް ލިބިފައިވާ ފަންނުވެރިންވެސް މަދެއް ނޫނެވެ. ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ އެތައް މަސައްކަތެއް ކުރާ ބަޔަކު އޭގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް އެ ފަރާތްތަކަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ފޯރުކޮށްނުދެވި އޮތުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުވެރިކަމުގެ ފައިދާ ގައުމީ އުފެއްދުންތެރިކަމަށް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ވިޔަފާރިތައް ފެށުމަށް އެހީތެރިވެދެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތަކާއި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ހާއްސަ ހަރަކާތްތައް އިންތިޒާމް ކުރައްވަމުންދާއިރު މޯލްޑިވްސް އެކްސްޕޯ ފަދަ ބޮޑެތި މައުރަޒުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީތައް ހިމަނުއްވައި، އެ ފަރާތްތަކުގެ ވިޔަފާރިތަކާއި އުފެއްދުންތައް ޕްރޮމޯޓްކުރެވޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތައް ގައުމީ ފެންވަރުގައިވެސް އަންނަނީ ހިންގަމުންނެވެ.

މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އަމިއްލަ ވިޔަފާރި ފަށަން ހިތްވަރު ލިބި، އެކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވެ، އިގްތިސާދު ފުޅާވެ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ހޭދަކުރަން ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. ތަޖުރިބާކާރުން ބުނާގޮތުން އިގްތިސާދީ ހަރަކާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާކީކޮށްގެން ކުރިއެރުންތަކެއް ލިބޭނެކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެކެވެ. ގައުމެއްގެ ތަރައްގީގެ ދުވެލި ހަލުވިކުރެވޭނީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހުރިހާ ރައްޔިތުންގެ ޝާމިލްވުން ހިމެނޭހެން އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންގޮސްކަން އެއީ މިއަދު ދުނިޔެ ގަބޫލުކުރާ ހަގީގަތެކެވެ.

އެންމެންގެ ޝާމިލްވުން ހިމެނޭ އަބުރުވެރި، އުޖާލާ މުސްތަގުބަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން، އެހެން ރައްޔިތުންނަށް ދައުލަތުގެ ތެރެއިން ލިބޭ ފަހި ފުރުސަތުތައް އެ ފަރާތްތަކަށްވެސް ލިބޭކަން ޔަގީންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއެކު، ތައުލީމު، ވަޒީފާ، ކުޅިވަރު، އިޖްތިމާއި އަދި ވިޔަފާރީގެ ދާއިރާއިން މީގެކުރިން ފަހިވެފައި ނުވާ އެތައް ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު ވަނީ ފަހިވެފައެވެ. މި ފުރުސަތުތަކަކީ އެ ފަރާތްތަކަށް ހޯދައިދެވޭ އުޖާލާ މުސްތަގުބަލެއްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދައުރާ ނުލާ ގައުމު ބިނާ ނުކުރެވޭނެކަން މުޖްތަމަޢުއިން ގަބޫލުކުރާކަން އަންގައިދޭނެ ކަންކަމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ސަރުކާރުން އަޅުއްވާފައިވާ އަދި އަޅުއްވަމުންގެންދަވާ ވަށާޖެހޭ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާއިރު، ބައެއް ކަންކަމުގެ ނަތީޖާ އަންނާން އޮތް އަހަރުތަކުގައި ދަނީ ފެންނަމުންކަން ޔަގީނެވެ. މީގެކުރިން އެއްވެސް ސަރުކާރަކުން ހައްލުކުރަން ކެރިވަޑައިނުގެންނެވި ނުވަތަ ހައްލު ނުހޯއްދެވުނު ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމުގައި ހޯއްދަވަމުން ގެންދަވާ ކާމިޔާބީއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު އެ ސާބިތު ކޮށްދެއްވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިހްލާސްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ހުރިހާ ރައްޔިތުންގެ ޝާމިލުވާ، ވިލުންތެރި، ރައްކާތެރި، ފާގަތި، ފުދުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ކުރިއަރާފައިވާ މުޖްތަމައެއް ބިނާކުރެވޭނެކަމުގެ އަލިގަދަ ހެއްކެވެ.

މުޖުތަމައުއެއްގެ ގޮތް ވަޒަންކުރެވޭނީ އެ މުޖުތަމަޢުގެ އެންމެ ބަލިކަށި އަދި އަޅާލުން ބޭނުންވާ މީހުންނާމެދު އެ މުޖުތަމަޢެއްގެ އަމަލުތައް ހުންނަ ގޮތަކުންކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ ތަޖުރިބާކާރުން ވިދާޅުވާއިރު އެކަކު އަނެއްކަކަށް އަޅާލާ، އޯގާތެރި އެކުވެރި ރައްޔިތެއް އުޅޭ ގައުމެއް ބިނާކުރެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުން ހާސިލުކުރުމަށް ކަނޑައަޅުއްވާފައިވާ މައިގަނޑު ލަނޑުދަނޑިވެސްމެވެ.

"އޯގާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ބަލާއިރުގައި، އެންމެ މުހިންމު އެއް ކަމަކީ، އިންކްލޫސިވް ސޮސައިޓީއަކަށް މިތަން ހެދުން. މި ޤައުމު ބައްޓަން ކުރުން. އަޅުގަނޑުމެންގެ ޤައުމުގައި ކުލުނުވެރިކަމާއި، އޯގާތެރިކަންނެތިއެއް އަޅުގަނޑުމެންގެ ތެރޭގައި ނޯންނާނެ މިނިވަންކަމުގެ އިޙްސާސް ކުރެވޭކަށް. އެއް ބަޔަކު އަޅުވެތިކަމުގައި ބާކީވެފައި، މާޖިނަލައިޒް ކުރެވިފައި. ހަވާސާއިން އެއްކިބާ ކުރެވިފައި. ނޫން. އެއީ، އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންވީމާ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަރަށް އިސްކަމެއް އެބަ ދެން" މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.