ޚަބަރު

ވެނެޒުއެލާއިން މުދާ ބޭރުކުރާ އާގުބޯޓުފަހަރަށް އެމެރިކާގެ ނުރައްކާ


ވެނެޒުއެލާއާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގާ އާގުބޯޓުފަހަރާއި އެ ޤައުމުގައި އުފައްދާ މުދާ ބޭރު ޤައުމުތަކަށް އުފުލާ އުޅަނދުފަހަރާއި، އެ އެ ފަދަ އުޅަނދުފަހަރު ހިންގާ ކުންފުނިތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ. ވެނެޒުއެލާއަށް މުދާ އުފުލާ، އަދި އެ ޤައުމުން މުދާ ބޭރުކުރާ އާގުބޯޓުފަހަރާއި ކުންފުނިތަކަށް ނުރައްކާ ބޮޑުވެފައި މި ވަނީ، އެ ޤައުމުން ބޭރު ކޮށްފައިވާ ސާފުނުކުރާ ތެޔޮ އުފުލި އާގުބޯޓެއް އެމެރިކާގެ ކޯސްޓުގާޑުން ހިފުމާ ގުޅިގެންނެވެ.

ވެނެޒުއެލާގެ އުޅަނދެއް އެމެރިކާގެ ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް ޑޮނަަލްޑް ޓްރަމްޕެވެ. 2019ވަނަ އަހަރުން ފެށިގެން އެމެރިކާއިން އޮތީ ވެނެޒުއެލާގެ ސަރުކާރާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި، ތެޔޮ ޓޭންކަރު ހިފަހައްޓާފައި ވަނީ އެ ފިޔަވަޅުތަކުގެ ދަށުންނެވެ. ނަމަވެސް، މިއީ ވެނެޒުއެލާއިން ތެޔޮ ބޭރު ކުރުމަށް މަސައްކަތް ކުރި އުޅަނދެއް އެމެރިކާއިން ހިފަހައްޓާފައިވާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ނިންމެވުމާ އެކު، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގާ ކުންފުނިތަކަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، ވެނެޒުއެލާގައި މި ވަގުތު ބަނދަރު ކޮށްފައި އޮތް ބޯޓުފަހަރަށް ވެސް އެ ޤައުމުން ފުރުމަކީ ނުރައްކަލެއް ކަމުގައި އެ ފަރާތްތަކުން ދެކެއެވެ. އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ވެނެޒުއެލާގެ ބަނދަރުތަކުން ފުރުން ބައެއް އުޅަނދުފަހަރު އޮޕަރޭޓު ކުރާ ކުންފުނިތަކުން މެދުކަނޑައިލާފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.