"މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭގައި 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ގޭބީސީތަކުގައި ހަރުކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު ގޭބިސީތަކަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލަރ ސިސްޓަމް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެންމެ ފުރަތަމަ މި ސިސްޓަމް ހަރުކޮށްފައިވަނީ ހއ. ފިއްލަދޫގައެވެ.
މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރު ތެރޭގައި 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ރާއްޖޭގެ 10 އަތޮޅެއްގެ ގޭބިސީތަކުގައި ހަރުކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ގޭބިސީތަކަށް އަމާޒުކޮށްގެން އިތުރު 1.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އިތުރު 7 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކަށް ފޯރުކޮށްދޭނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައިވެއެވެ. އަދި މިނިޒާމުތައް ގާއިމުކުރަނީ ނެޓްމީޓަރިންގެ އުސޫލުގެ ދަށުންނެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. މިޕްރޮގްރާމުގެ މަޤުޞަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ. މަގޭ ސޯލަރ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.