ކެއިންބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހައިން ހޯލްސޭލްކޮށް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް މާލޭ ބާޒާރުމަތީގައި މިއަދު ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވާފައިވަނީ ކުރީގެ އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް، މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގައެވެ. އެސްޓީއޯއިން ވިދާޅުވީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް ފޯރުކޮށްދިނުންކަމަށެވެ. އަދި މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް މިތަކެތި ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީވެސް އިތުރު ހޯލްސޭލް ފިހާރައެއް ހުޅުވުމެ ބޭނުމެއްކަމަށް އެސްޓީއީއޯއިން ވިދާޅުވެއެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ފިހާރައާއެކު ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެކަމަށެވެ. އެގޮތުން އެ ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ހަމަ ޖެހިގެންދާނެއެވެ. މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތަށް ވިއްކޭނޭކަމުގެ ޔަގީންކަންލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ފިހާރައިގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 އިން މެންސުރު 12:00 އަށް ލިބޭނެކަމަށެވެ. އަދި މެންދުރު 13:00 އިން ހަވީރު 17:00 އަށް ފިހާރަ ހުޅުވާފައި ހުންނާނެއެވެ.
އެސްޓިއޯގެ އަމާޒަކީ ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމެވެ. އެގޮތުން،ހުޅުމާލޭގައި އެސްޓިއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއާއިއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއި އެކު އެސްޓިއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގު ފަހިވެގެންދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ވަނޫ ބާޒާރަށް ނެރެފައެވެ. އަދި މި ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ހުރި އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.