ތަޢުލީމީ ދާއިރާގައި 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކުރިއަށްދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދީން ހަފްތާ 104 ޕްރޮގްރާމްގައި ތަޢުލީމީ ވަޒީރު ވަނީ ތައުލީމީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލި އަޅުވާލައްވާފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ ތައުލީމީ ދާއިރާގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކުރީ ސަރުކަރުން ހަވާލުކުރުމަށްފަހު 280 މިލިޔަން ރުފިޔާގެ ބިލު ނުދައްކާ އޮތްކަމަށާއި އެ ބިލުތަކާއެކު މިހާތަނަށް މި ސަރުކަރުން 600 މިލިޔަނެއްހާ ރުފިޔާ ބިލުތަކައް ދައްކާފައިވާކަމަށެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްކޫލްތަކަށް ބޭނުންވާ ތަރައްޤީގެނައުމަށް މި ސަރުކާރުން މިހާރުވެސް މުހިއްމު މަޝްރޫޢުތަކެއް ކުރިއަށްގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުން އަލަށް ފަށާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި 775 ކްލާސްރޫމްއާއި 35 ހޯލާއި 500އަށް ވުރެ ގިނަ ސަޕޯޓް ފެސިލިޓީސް ތަރައްޤީކުުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ލައިބްރަރީތަކާއި ސްޓާފްރޫމްތަކާއި ފާޚާނާތަކާއި ލެބޯޓަރީތައް ހިމޭނޭކަން ވަޒީރު ވިދާޅުވިއެވެ. މިއާއެކު މިހާރުވެސް 1.8 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްގެންދާކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
"މިއިންވެސް މި އިނގެނީ ފާއިތުވެ ދިޔަ 20 އަހަރާ އަޅާ ބަލާއިރު މި ވޭތިވެދިޔަ 2 އަަހަރުގެ ތެރޭގައި ކުރެވުނު ބޮޑު ހޭދައެއް ރަސްމީ ތަޢުލީމްގެ ނިޒާމްގައި އުމްރާނީ ތަރައްޤީއަށް ކުރެވިފައި ނެތްކަން. ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށްގެންދާ މަޝްރޫޢުތައް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ ދަރިވަރުންނަށް ހިތްފަސޭހަ އަދި މުދައްރިސުންނަށްވެސް އެކަށީގެންވާ ވަޞީލަތްތަކާއެކު މި ޕްރޮޖެކްޓުތައް ނިންމާލުން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
އަލަށް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ އިތުރަށް މިހާރު ހުރި ވަޞީލަތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަރާމާތުގެ މަސައްކަތަށް 30 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއހަރުގެ މިހާތަނަށް މަރާމާތުގެ މަސައްކަތަށް 40 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށާއި އަންނަ ދިރާސީ އަހަރައް ތަައްޔާރުވުމަށް އިތުރު 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާލުވިއެވެ. އަދި މިހާރު މަރާމާތައް ބޭނުންވާ ކަންކަމުގެ މަޢުލޫމާތުތައް އެއްކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ތަޢުލީމި ދާއިރާގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށާއި މިހާރު ހުރި އިންފްރަރސްޓްރަކްޗަރ މަރާމާތުކުރުމަށް ބޮޑު ހޭދައެއް ކުރަމުންދާ ސަރުކާރެއް ކަމަށެވެ.