ޚަބަރު

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ


  • މި ކޯސް 6 މަސްތެރޭ ފަރުމާކޮށް އަންނަ އަހަރު ފަށާނެ

  • ރާއްޖޭގެ 93 ސަރަޙައްދެއް މިވަގުތުވެސް ޙިމާޔަތްކޮށްފައިވޭ

ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެއްޓުމާގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓައި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމު ވިދާޅުވީ އެމްއެންޔޫއިން ތިމާވެށީގެ ދާއިރާއިން މުހިންމު ގިނަ ކޯސްތަކެއް ވަރަށް ކާމިޔާބުކާމައެކު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ފާއިތުވި 8 އަހަރު ތެރޭގައި ތަފާތުއެކި ކޯސްތަކުން ޑިގްރީ ހާސިލްކުރައްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކުދިންތަކެއް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިހާރު ފަރުމާކުރެވޭ ޑިވެލޮޕްމަންޓު އޮފް ޑިޕްލޮމާ އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމެންޓް ކޯހަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 93 ސަރަހައްދު އޮތްއިރު، މީގެ ތެރޭގައި 3 ބަޔޮސްފޮޔަރ ރިޒާވް ހިމެނޭއިރު އިތުރު 3 ބަޔޮސްފިޔާރ ރިޒާވް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިތަންތަން ޙިމާޔަތްކޮށް މެނޭޖްކުރާނެ ފަރާތްތައް ބޭނުންވާކަމަށެވެ.

މިފަދަ ތަންތަން މެނޭޖްކުރާނެ ފަރާތެއް ނެތިއްޖެނަމަ އެތަންތަން ޙިމާޔަތްކުރުމުގެ ހަޤީޤީ މަޤްޞަދު ހާސިލްނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކޯސް 6 މަސްތެރޭގައި ފަރުމާކޮށް އަންނަ އަހަރު ތެރޭގައި ކޯސް ފެށިގެން ދާއިރު އުންމީދަކީ ގިނަ ފަރާތްތަކެއް މި ކޯހުގައި ބައިވެރިވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެ އަންނަ ފަތުރުވެރިންގެ 75 އިންސައްތައަކީ ރާއްޖޭގެ ތިމާވެށި ކަނޑު އަޑީގެ ރީތިކަން ބަލާލަން އަދި ރީތި ގޮނޑުދޮށްތައް ބަލާލުމަށް އަންނަ ފަރާތްތައް. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މިތަންތަން ރީއްޗަށް ދަމަހައްޓައި އަންނައޮތް ޖީލަށް އޭގެ ރީތި ގޮތުގައި ބެލެއްޓުން، މިކަން ރަނގަޅަށް ކުރެވިއްޖެ ނަމަ އިޤްތިޞާދު ފުޅާވެގެން ދާނެ، ޓުއަރިޒަމް ފުޅާވެގެން ދާނެ." ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން އެމްއެންޔޫގެ ވައިސް ޗާނެސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި އެއްބަސްވުމަކީ ގުދުރަތީ މާހައުލު ޙިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ މި ފެށުނު މަސައްކަތް ހަރުދާނާކުރުމަށް އެންދެރި ޕްރޮޖެކްޓާއި ގުޅިގެން ކޮލެޖް އޮފް އޯޝަން ސައިންސްއިން ސެޓިފިކެޓް ލެވެލް 4 ކޯހެއްކަމަށްވާ އެޑްވާންސް ސެޓިފިކެޓް އިން ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓު އެންޑް ރޭންޖާރސް ޓްރޭނިން ކޯހެއް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

މި ޕްރޮގްރާމްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ރޭންޖަރުންގެ ހުނަރު އިތުރުކޮށް ފަންނީ ބަޔަކަށް ހެދުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން އެޅޭ އިތުރު މުހިންމު ފިޔަވަޅެއް. މި ކޯހުގެ މަޤުޞަދަކީ ނާޒުކުރު އަދި ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ބަލަހައްޓައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެހެން ޙާއްސަ ތަމްރީނު ފޯރުކޮށްދިނުން. 2026 ވަނަ އަހަރު ކޯސް ފެށިގެންދާނެ. މި ދެ ޕްރޮގްރާމްގެ ސަބަބުން ތިމާވެށީގެ ދާއިރާއިން ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކަށް އެހީތެރިވެވޭނެ ފަދަ ހުނަރުވެރި ޤާބިލް ބައެއް އުފެއްދުމަށް އެހީތެރިވެދޭނެ." އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މި ކޯހަކީ "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް" ނުވަތަ ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުން ކުރިއަށްދާ ކޯހެކެވެ. މި ރަސްމިއްޔާތުގައި ކެޓެނޭޓް ޕްރޮޖެކްޓުގެ ލޯގޯވަނީ ލޯންޗުކޮށްފައެވެ. މި ލޯގޯ ލޯންޗުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓަބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.

ކެޓެނޭޓް ޕްރޮޖެކްޓަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓައި މެނޭޖްކުރެވޭ ފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.