ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުވެސް މެ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކާމިޔާބުކޮއްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ފަލަސްތީން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ފަލަސްތީ ޓީމުން ތައްޔާރުވަމުން އަންނަނީ މި މަހުގެ 22 އިން 30 އަށް އިންޑިއާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކަށެވެ. އަދި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުވެސް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ ތައިލެންޑުގައެވެ.
ފުރަތަމަ މެޗާ އަޅާބަލާއިރު މިމެޗުގައި ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ކުރީ ކޮޅު ރާއްޖެ ކުޅުންތެރިންވަނީ ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައެވެ.
ފަލަސްތީން މެޗުގައި ފުރަތަމަ ލަނޑުޖެހީ މެޗުގެ 14 ވަނަ މިނިޓުގައި އާމިން އިދުރީސްއެވެ. މި ލަނޑަށްފަހު ފަލަސްތީން ޓީމުން މާ އެދެވޭ ހަމަލާއެއް ފޮނުވާލެވިފަ ނުވާއިރު އެޓީމުގެ ކުރިއަށް ކުޅޭ ކުޅިންތެރިންނަށް ވަނޫ ފުރަތަމަ ހާފުގެ ފަހުކޮޅު ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ފަލަސްތީން ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ޔަޒާން ހަލައިފީ ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފަލަސްތީން ޓީމުން ގިނަ ބަދަލުތަކެއް ގެނައިރު މި ހާފުގައި ދިވެހި ޓީމަށް އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ. ފަލަސްތީންގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓުގައި ކާމިޔާބު ކުރީ އާދަމް ހަފާފީއެވެ. މި ދެޓީމު ވާދަކުރި އެކުވެރިކަމުގެ ފުރަތަމަ މެޗު ފަލަސްތީން ކާމިޔާބުކުރީ 6-0 ލަނޑުންނެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ރާއްޖޭގައި ކުރާ މި ކޭމްޕްގައި މަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ތަމްރީން ހަދާނެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓީކެޓްތަކެއް ވަނީ ވިއްކާފައެވެ.