ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ ޗެމްޕިއަންކަން ނ. މަނަދޫ އާއި ހދ. ކުޅުދުއްފުށި ސިޓީން ހޯދައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށް އެކުލަވާލައިފައިވާ އެޓޯލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދީ ފައިނަލް މެޗުގައި ހަނިމާދޫ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ހދ. އަތޮޅުގެ މެޗުތައް ކުޅުދުއްފުށީގައި ކުރިއަށްދިޔައިރު، އަތޮޅު ބުރުގައި ވާދަކޮށްފައިވަނީ ހަތަރު ރަށަކުންނެވެ. އެއީ ކުޅުދުއްފުއްޓާއި، ހަނިމާދޫގެ އިތުރުން ނެއްލައިދޫ އާއި ނޮޅިވަރަމެވެ.
މި މަހުގެ 11 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ކުޅުދުއްފުށީގެ ލަނޑުތައް ޖެހީ މުޙައްމަދު މުންސިފާއި، މުޙައްމަދު ޝިފާން އަދި ޒައިދު މުޙައްމަދެވެ. މި މެޗުގައި ހަނިމާދޫގެ ހަމައެކަނި ލަނޑު ޖެހީ އަލީ ހުސެއިންއެވެ. ހދ. އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޅުދުއްފުށީގެ ޝިފާންއެވެ. އޭނާ ވަނީ އަތޮޅު ބުރުގައި 11 ލަނޑު ޖަހާފައެވެ.
މީގެ އިތުރުން އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މަނަދޫން ހޯދީ ކެނދިކުޅުދޫއާ ދެކޮޅަށް ކުޅުނު ދެ މެޗު 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އެގޮތުން މި މަހު ނުވަވަނަ ދުވަހު މަނަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި މަނަދޫގެ ލަނޑުތައް ޖެހީ ދެ ލަނޑު ކާމިޔާބުކުރި މިފްޒާލް އަބްދުﷲ އާއި އަޙްމަދު އަލީއެވެ. އަދި ކެނދިކުޅުދޫގެ ލަނޑުތައް ޖަހައިދިނީ އަފްރާހު މުޙައްމަދާއި، މުޙައްމަދު އަރީހެވެ. މީގެއިތުރުން 12 ވަނަ ދުވަހު ކެނދިކުޅުދޫގައި ކުޅުނު ދެވަަނަ ލެގުގެ މެޗުން މަނަދޫ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި މަނަދޫގެ ލަނޑުތައް ޖަހައިދިނީ ޒަލީޝާން ހަސަނެވެ. އަދި ކެނދިކުޅުދޫގެ ހަމައެކަނި ލަނޑު ޖެހީ އަފްރާހެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޓޯލް ޗެމްޕިއަންޝިޕް އެކުލަވާލާފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށެވެ. އެގޮތުން ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާފައިވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހދ، ހއ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ. އެއީ މާލެ ސިޓީ ކްލަބުތައް ނިސްބަތްވާ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނެވެ.
މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގު ނިމުމުގެ ކުރިން ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަނުންނާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން ޓީމުތައް ކަނޑައެޅިގެންދާނެއެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގައެވެ. މި ސީޒަނުން ފެށިގެން 10 ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމަށް އަންނަ ސީޒަނުގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް ދެވަނަ ޑިވިޝަނަށް ރެލިގޭޓުވާނެއެވެ. އަދި ލީގުގެ ހަތްވަނަ އާއި އަށްވަނައިގެ އިތުރުން ނޯތު ލީގާއި، ސެންޓްރަލް ލީގު އަދި ސައުތު ލީގުގެ ޗެމްޕިއަން ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގައި ކޮލިފިކޭޝަން ބުރެއް ކުޅޭނެއެވެ. މީގެ ތެރެއިން ގަދަ ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާނެއެވެ.