ތަރައްްޤީ

ސަޢޫދީ ފަންޑުންދޭ ލޯން އެއްބަސްވުމުގައި އަންނަ މަހު ސޮއިކުރަނީ


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ބިނާކުރުމަށް ސަޢޫދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރުގެ ލޯން އެއްބަސްވުމުގައި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. އެމްއޭސީއެލުން ވިދާޅުވީ އެއަރޕޯޓް ތަރައްޤީއަށް ނަންގަވާ ލޯންތައް އަދާކުރަނީ އެކުންފުންޏަށް ލިބޭ އާމްދަނީންކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީކުރުމުގެ މަޝްރޫއަކީ މިހާރު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢެވެ. އެގޮތުން މިމަޝްރޫޢުތެރޭގައި ހިމެނޭ އައު ޕެސެންޖަ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއްކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާ ހަވާލުކުރައްވާފައެވެ. މިއީ ދުނިޔޭގެ މަޝްހޫރު އެއާޕޯޓުތަކުގެ ޑިޒައިންތަކާ ފައި ހަމަކޮށްލެވޭ ވަރުގެ ޢިމާރާތެއްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވިދާޅުވެއެވެ.

ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫގެ ތެރެއިން، އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތަކީ 300 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ މަޝްރޫޢެކެވެ. މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ އެތައް ގުނަ ބޮޑު އައު ޓަރމިނަލް ޢިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ.

އައު ޓަރމިނަލް އެޅުމަށް ޖުމްލަ 100 މިލިއަން ޔޫއެސް ޑޮލަރގެ ލޯނެއް ސަޢޫދީ ފަނޑުން ވަނީ ކަނޑައަޅުއްވާފައެވެ. މިކަމާގުޅޭ މަޝްރާތައް ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްއާއިއެކު މިމަހުގެ ތެރޭގައި ނިމިފައިވާކަމަށް ޢާދިލް ވިދާޅުވިއެވެ. އަދި މިކަމުގެ އެއްބަސްވުން މިހާރު ފައިނަލްކުރެވި އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލޯން އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ހަމަ މި މަޝްރޫޢުގެ ފަންޑިންގެ ގޮތުގައި ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިމަހުގެ ކުރީކޮޅު ވަނީ ސޮއިކޮށްފައެވެ. އަދި އައު ޓަރމިނަލްގެ ޢަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށްޓަވާނެކަމަށާއި، އެކަމަށް ބޭނުންވާ ސައިޓްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

އައު ޓާރމިނަލްގައި މިހާރަށް ވުރެ ގިނަ  ފެސިލިޓީސްތައް ޤާއިމްކުރެވޭނެކަމުގެ ޔަޤީންކަން ދެއްވަމުން އާދިލް ވިދާޅުވީ، މި މަޝްރޫޢު ނިމިގެންދާއިރު، މިއީ މިސަރަހައްދުގެ އެންމެ ހިތްގައިމު އެއާޕޯޓަށް ވެގެންދާނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤިގެ މަޝްރޫޢު 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމެވެ.