ޚަބަރު

ތަޒްކިޔާ 200 މީޓަރު އަންހެން ބެކްސްޓްރޯކް ރެކޯޑު އާކޮށްފި


ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ސްވިމިން އިވެންޓްތައް މިއަދު ފަށާފައިވާ އިރު، އަމްނާ ތަޒްކިޔާ މިރުޝާދު 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑު އާކޮށްފިއެވެ.

ތަޒްކިޔާ މިއަދު ރެކޯޑު އާކޮށްފައި ވަނީ ދެމިނެޓް، 45.97 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް ތަޒްކިޔާ އަތުގައި އޮތް ރެކޯޑެކެވެ. އޭނާ މިދިޔަ އަހަރު ރެކޯޑު ހަދާފައިވާ ރެކޯޑެކެވެ. އެފަހަރު ތަޒްކިޔާ ރެކޯޑު ހެދީ ދެމިނެޓް، 51.26 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެހެންކަމުން މިފަހަރުގެ ޔޫތު ގޭމްސްގައި ތަޒްކިޔާގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނިގެން ގޮސްފައިވެއެވެ.

ދެން މިއަދު ދިވެހި އެތުލީޓުން ވާދަކުރި އިވެންޓްތަކަށް ބަލާ އިރު، ޒުކައިން ހަނީފް ވަނީ 200 މީޓަރު ބެކްސްޓްރޯކްގައި ވާދަކޮށްފައެވެ. އޭނާ ވަނީ ރަނގަޅު ޓައިމިންއެއް ކަމަށްވާ ދެމިނެޓް، 35.65 ސިކުންތުން ރޭސް ނިންމައިފައެވެ.

އަންހެން އެތުލީޓުން ވާދަކުރި އިވެންޓްތަކަށް ބަލާ އިރު، 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގައި ވާދަކުރި މަލައިކާ ލިންޑާ އިމްރާޏް ވަނީ ދެމިނެޓް، 54.85 ސިކުންތުން ރޭސް ނިންމައިފައެވެ. އަޔާނާ އަރީފް ވާދަކޮށްފައި ވަނީ 400 މީޓަރު އަންހެން ފްރީސްޓައިލް އިވެންޓްގައެވެ. އެ އިވެންޓްގެ ހީޓް އެކެއްގައި ވާދަކޮށް އޭނާ ރޭސް ނިންމާފައި ވަނީ ފަސް މިނެޓް، 29.92 ސިކުންތުންނެވެ.

މިއަދު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ރިލޭ އިވެންޓްގައި ވާދަކޮށްފައިވެއެވެ. ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ ލޫތު ހުސައިން، މަކީން ޝަކީބް، ޝައިމް އިބްރާހީމް އަދި އިޒްޔާޏް ނާޒިމެވެ. އެޓީމުން ވާދަކުރީ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގައެވެ. އެޓީމްގެ ޓައިންނަކީ ހަތަރު މިނެޓް، 4.40 ސިކުންތެވެ.