ޅ. އޮޅުވެލިފުށީގެ ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމްގެ މަސައްކަތްތައް ނިންމުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފާދިއްފޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުގައި ގާއިމުކުރުމަށް ހަވާލުކުރި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތަކީ ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެތެރެއިން ވަނީ އޮޅުވެލިފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައި ދެއްވާފައެވެ. މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބުދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ. އަދި އެރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައެވެ.
ރައީސް ވިދާޅުވީ އެ ފުޓްސަލް ދަނޑަކީ ހަމަ ޔަގީނުންވެސް ފުޓްސަލް ކުޅުމަށް ވަރަށް ބޮޑަށް އޮޅުވެލިފުށީގެ ރައްޔިތުން ބޭނުންވާ މުހިންމު މަޝްރޫއަކަށް ވާނެ ކަމަށެވެ.
އަދި އެއްބަސްވުންތަކުގައި ސޮއިކުރި މަޝްރޫއުތަކަކީ އެ ދާއިރާއަކުން އެރަށުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރި މަޝްރޫއުތަކެއް ކަމަަށް ރައީސުލް ޖުމްހޫރިއްޔާ ވިދަޅުވިއެވެ.