ޚަބަރު

އެތައް އަހަރެއްގެ އިންތިޒާރަކަށް ފަހު އީސްޓް ޓީމޯއަށް އާސިޔާންގެ މެންބަރުކަން


ދިގު އިންތިޒާރަކަށް ފަހު ތީމޯ-ލޭޝްތު، ނުވަތަ އީސްޓް ޓީމޯއަަށް އިރުދެކުނު އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާން)ގެ މެންބަރުކަން ދީފިއެވެ. 14 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އީސްޓް ޓީމޯއަކީ އާސިޔާންގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި މި ވަނީ، މެލޭޝިޔާގެ ވެރިރަށް ކުއަލަ ލުމްޕޫރުގައި މިހާރު ކުރިއަށްދާ އާސިޔާންގެ މެންބަރު ޤައުމުތަކުގެ ސަމިޓުގައެވެ. އީސްޓް ޓީމޯއަކީ އާސިޔާގެ 11ވަނަ މެންބަރެވެ.

1.4 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ އީސްޓް ޓީމޯއަކީ އޭޝިޔާ ބައްރުގެ އެންމެ ފަގީރު އެއް ޤައުމެވެ. އާސިޔާންގެ މެންބަރު ޤައުމުތަކުގެ ގުޅިފައިވާ އުފެއްދުންތެރިކަން 3.8 ޓްރިލިޔަން އެމެރިކާ ޑޮލަރުގައި ރެކޯޑު ކުރެވިފައި ހުރިއިރު، އީސްޓް ޓީމޯގެ އުފެއްދުންތެރި ކަމަކީ އަހަރެއްގެ މައްޗަށް 2 ބިލިޔަން އެމެރިކާ ޑޮލަރެވެ. އާސިޔާންގެ މެންބަރު ކަން ހޯދުމަށް އީސްޓް ޓީމޯން އުންމީދު ކުރަން ފަށާފައި ވަނީ މީގެ ބައި ގަރުނެއްހާ ދުވަސް ކުރިންނެވެ.

އީސްޓް ޓީމޯގެ ރައީސް ޜުޒޭ ރާމުސް-ހޯރްތާ ދެކެވަޑައިގަންނަވާ ގޮތުގައި، އާސިޔާންގެ މެންބަރު ކަން އެ ޤައުމަށް ލިބުމަކީ ރަމްޒީ ކަމެކެވެ. ނަމަވެސް، މިއީ އޭނާއާއި، އީސްޓް ޓީމޯގެ ބޮޑުވަޒީރު ޝަނާނާ ގުޝްމައުއަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އީސްޓް ޓީމޯއިން މިނިވަން ކަމަށް ކުރި ދިގު ދަތުރުގައި އެ ދެ ބޭފުޅުން ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ގުޝްމައު ވިދާޅުވީ، އާސިޔާންގެ މެންބަރު ކަން އީސްޓް ޓީމޯއަށް ލިބުމަކީ ތާރީޚީ ކަމެއް ކަމުގައެވެ. އަދި، މިއީ އައު ފެށުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. މީގެ އިތުރުން، އެ ޤައުމަށް ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓުމެންޓުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. "މިއީ ހަމައެކަނި ތީމޯ-ލޭޝްތުގެ ރައްޔިތުންގެ ހުވަފެނެއް ޙަޤީޤަތަކަށް ވުމެއް ނޫން، މިއީ އަޅުގަނޑުމެންގެ ހިނގަމުން މި ދާ މަގަކީ ކާމިޔާބީގެ މަގު ކަން ސާފުވާ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

ތިން ގަރުނެއްހާ ދުވަހު އީސްޓް ޓީމޯ އޮތީ ޕޯޗުގީޒުންގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. ޕޯޗުގީޒުން އެ ޤައުމު ދޫކޮށް ގޮސްފައި ވަނީ 1975ވަނަ އަހަރުއެވެ. އެއަށް ފަހު އީސްޓް ޓީމޯ ވަނީ އިންޑޮނީޝިޔާގެ އަތްދަށަށް ވެއްޓިފައެވެ. އެ ޤައުމަށް މިިނިވަން ކަން ލިިބިފައި ވަނީ 2002ވަނަ އަހަރުއެވެ. އީސްޓް ޓީމޯއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް ރާމުސް-ހޯރްތާ ކުރެއްވި މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން 1996ވަނަ އަހަރު އޭނާއަށް ނޮބެލް ސުލްޙައިގެ އިނާމު އަރުވާފައިވެއެވެ. އީސްޓް ޓީމޯއަކީ އާސިޔާންގެ މެންބަރަކަށް ވުމުގެ ހުވަފެން ރާމުސް-ހޯރްތާ ފުރަތަމަ ފާޅު ކުރައްވާފައި ވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.