ޚަބަރު

ހަތިޔާރު ބަހައްޓަން ޙަމާސުން އެއްބަސްވި ފަހުން ޔަހޫދީންގެ ޖަރީމާތައް ފުޅާކޮށްފި


ޔަހޫދީ ދައުލަތުގެ ނިރުބަވެރި އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާގައި ނަސްލުހޭދަ ކުރުމުގެ ޖަރީމާތައް ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިތުރަށް ވަރުގަދަކޮށް، އިތުރު 18 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.

މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ހިމެނޭއިރު، މި ހަމަލާތައް ވަރުގަދަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރަޙައްދީ ސުލްޙައަށް "ވަރުގަދަ ފިޔަވަޅެއް" އެޅުއްވި ކަމަށް ވިދާޅުވެ، ޣައްޒާގައި ސުލްޙަ ޤާއިމުކުރުމުގެ އައު ރޭވުމެއް އިޢުލާނު ކުރެއްވިތާ އެންމެ ތިން ދުވަހުގެ ތެރޭގައެވެ.

މިއަދު އެކަނި ދިން ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، ހުޅަނގު ޣައްޒާގައި މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ދިން ވައިގެ ހަމަލާގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ޚާން ޔޫނުސްގައި ދިރިއުޅޭ އެއް އާއިލާގެ ތިން މެންބަރަކު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ހަސްފަތާލެއްގެ ބޭސް ގުދަންތަކަށް ވެސް އަމާޒުކޮށް ހަމަލާދީފައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝް މިކަން ކުށްވެރިކުރައްވަމުން ވިދާޅުވީ، މިއީ ބަލިމަޑުކަމާއި ބޭސްފަރުވާ ވެސް ހަނގުރާމައިގެ ހަތިޔާރަކަށް ހަދައިގެން ޔަހޫދީ ދައުލަތުން ހިންގާ ޖަރީމާއެއް ކަމަށެވެ.

އަލްޖަޒީރާ ނޫހުގެ ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީ ދައުލަތުން މި ހަމަލާތައް ދެނީ އާންމުންނަށް އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އަދި ބައެއް ހަމަލާތައް ދީފައިވަނީ ތަން ހުސްކުރުމުގެ އަމުރު ނެރުނުތާ އެންމެ 15 މިނެޓު ތެރޭގައެވެ. މީގެ ސަބަބުން ރައްކާތެރިކަން ހޯދައިގެން ތިބި އެތައް އާއިލާއެއް ވަނީ ޙާލުގައި ޖެހިފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ސުލްޙައިގެ އެއްބަސްވުންތަކަށް ޢަމަލުކުރުމުގެ އެއްވެސް ނިޔަތެއް ޔަހޫދީންގެ ނެތެވެ.

"ޔަހޫދީން އަބަދުވެސް މަސައްކަތް ކުރަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ފަލަސްޠީނުގެ އިތުރު ބިންތައް އިސްތިޢުމާރުކުރުމަށް. އެމީހުން އެއްބަސްވުންތަކުގެ މާއްދާތައް މާނަކުރަނީ އަމިއްލަ ފައިދާއަށް، އަދި ގަސްދުގައި އެއްބަސްވުންތަކާ ޚިލާފުވޭ،" މާހިރަކު އަލްޖަޒީރާ ނޫހަށް ވިދާޅުވިއެވެ.

2025ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރި ފަހުން ވެސް، ޔަހޫދީ ދައުލަތުގެ ނިރުބަވެރި ހަމަލާތަކުގައި 1,200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ސިއްޙީ އިދާރާތަކުން ބުނެއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީ ދައުލަތަށް ކުރިމަތިކުރާ ފިއްތުންތަކަށް އެއްވެސް އިޙުތިރާމެއް ނުކުރާކަމުގެ ހެއްކެކެވެ.