ޚަބަރު

މެލޭޝިއާގެ ކުއާލަ ލަންޕޫރަށް މޯލްޑިވިއަނުން އަގު ހެޔޮ ދަތުރުތަކެއް


  • މެލޭޝިއާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސްގެ ބޯޓުތައް

  • ޓިކެޓުގެ އަގު ފެށޭނީ 112 އެމެރިކާ ޑޮލަރުން

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާގެ ކުއާލަ ލަންޕޫރަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފިއެވެ. މި ފެއަރގެ ދަށުން މެލޭޝިއާއަށް ދަތުރުކުރާނީ އެއަރބަސްގެ ބޯޓުތައްކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓުގެ އަގު ހެޔޮކުރުމުގެ އިތުރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއަރލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިމަސައްކަތުގެ ދަށުން މޯލްޑިވިއަނުން ކުއާލަ ލަންޕޫރަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ހެޔޮކޮށް، ޚާއްޞަ ފެއާއެއް ތަޢާރަފުކޮށްފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މިފެއާގައި މެލޭޝިޔާއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 112 އެމެރިކާ ޑޮލަރުންނެވެ. މިފެއަރ އޮންނާނީ ޑިިސެމްބަރު މަހުގެ 21 އަދި 28 ވަނަ ދުވަހުގެ ދަތުރުތަކަށް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ މިއީ ހަމައެކަނި ވިޔަފާރިއަށް ފައިދާވާ ކަމެއް ނޫންކަމަށާއި، މިއީ މުޅި ގައުމަށް، އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

އަދި މީގެ ސަބަބުން މެލޭޝިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް އިތުރު ފަސޭހަތައް ލިބޭނެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާ ބޯޓު ހިމެނެއެވެ. މީގެތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާ ބޯޓާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާ ބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓު ހިމެނެއެވެ.