ޚަބަރު

މިއަދުވެސް މޫސުން ގޯސް، ކަނޑުތައް ވަރަށް ގަދަ، ސަމާލުވޭ!


  • ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ

  • މޫސުން އަލިވާނެކަމަށް ލަފާކުރައްވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން

ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު މިކުރާ ވިއްސާރާއަކީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ.

ރާއްޖޭގެ ބައެއް ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ
ކ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ހުދު ސަމާލުނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން މެންދުރު ފަހު 03:30 ހާ ހަމައަށެވެ. މި ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށާއި ހުރިހާ ހިސާބަކަށްވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. މާމިގިއްޔަށް 68 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މޫސުން އަލިވާނެކަމަށް ލަފާކުރައްވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.