އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފުވުއްމުލައް ސިޓީގައި ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 42 ބައިވެރިއަކު ބައިވެރިވެފައިވާކަމަށެވެ.
އިމާމުންނާއި، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަންކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.