ޚަބަރު

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ!


  • ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަހެއް

  • މަލްޓިފެކްޓަރ އޯތެންޓިކޭޝަން އޮންކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއެއް

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ކުށްކުރުމުގެ ވައްޓަފާޅި ޓެކްނޮލޮޖީއާއެކު އަންނަނީ ބަދަލުވަމުންނެވެ. މިފަދަ ކުށްތަކުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަހެވެ.

ފުލުހުން ވިދާޅުވީ އެކައުންޓުތަކުގައި ބޭނުންކުރާ ބަލިކަށި ޕާސްވޯޑަކީ ހެކަރުންނަށް ހުޅުވިފައިވާ ދޮރެއެއްކަމަށެވެ. ވަރުގަދަ ޕާސްވޯޑުތައް ބޭނުންކުރުމަކީ ޑިޖިޓަލް ދުނިޔެ އިތުރަށް ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ޕާސްވޯޑު ވަރުގަދަކުރުމަށް ދިގު ޕާސްވޯޑެއް ބޭނުންކުރުމާއި ތަފާތު އެކު އަކުރުތައް ބޭނުންކުރުމާއި އަދި ޔުނިކް ޕާސްވޯޑެއް ނުވަތަ ތަފާތު އެކި ޕާސްވޯޑު ބޭނުންކުރުން ބުއްދިވެރިކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން ޕާސްވޯޑުތައް އެއްތަނެއްގައި ބެހެއްޓުމަށް ނުވަތަ ހަނދާން ނުހުންނަނަމަ ޕާސްވޯޑު މެނޭޖަރަ ބޭނުންކުރުމަކީ މުހިންމުކަމެއްކަމަށެވެ.

ފުލުހުން ވިދާޅުވީ އިތުރު ރައްކާތެރިކަމެއްގެ ގޮތުން މަލްޓިފެކްޓަރ އޯތެންޓިކޭޝަން (އެމްއެފްއޭ) އޮންކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއެއްކަމަށެވެ.

މިއީ އޮންލައިން އެކައުންޓުތަކާއި އެޕްލިކޭޝަންތަކަށް އިތުރު ސަލާމަތްތެރިކަމެއް ފޯރުކޮށްދޭ ނިޒާމެއްކަމަށާއި މަލްޓިފެކްޓަރ އޯތެންޓިކޭޝަން އޮންކޮށްފައިވާނަމަ ހެކަރަށް ޕާސްވޯޑު ލިބުނުކަމުގައި ވިޔަސް ހަމައެކަނި އެ ޕާސްވޯޑު ބޭނުންކޮށްގެން އެކައުންޓަށް ލޮގިން ނުވެވޭނެކަމަށެވެ.

މީގެ އިތުރުން ސޮޕްޓްވެއަރ އަޕްޑޭޓްކުރުމަކީވެސް އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މަދުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ސޮފްޓްވެއާ އަޕްޑޭޓްކޮށްފައި ބެހެއްޓުމަކީ ޓެކްނޮލޮޖީގެ ބޭނުން ރައްކާތެރިގޮތުގައި ހިފުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށާއި މިކަން އިތުރަށް ފަސޭހަކުރުމަށް އޮޓޮމެޓިކް އަޕްޑޭޓްތައް އޮން ކޮށްފައި ބެހެއެޓުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޓަރނެޓް ޒަރިއްޔާއިން އެންމެ ގިނައިން ކުރިމަތިވާ އެއްކަމަކީ ތަފާތުއެކު ނަންނަމުގައާއި ކުންފުނިތަކުގެ ނަމުގައި ފޮނުވާ ފޮނުވާ ލިންކުތަކާއި މެސެޖުތަކެވެ. މިފަދަ ލިންކުތަކުގެ ސަބަބުން އުމުރު ދުވަހު މަސައްކަތްކޮށް ހޯދާފައިވާ ފައިސާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެންދެއެވެ.

އެގޮތުން ފިޝިންގ ސްކޭމްތަކަކީ އިތުބާރުހުރި މަސްދަރަކުން ފޮނުވާ މެސެޖެއް ކަމަށް ފެންނަގޮތަށް ފަރުމާކޮށްފައި ހުންނަ ހީލަތްތެރި އޮންލައިން މެސެޖުތަކެއްކަމަށް ފުލުހުން ވިދާޅުވިއެވެ. ރައްކާތެރި އީމެއިލް އެޓޭޗްމަންޓެއް ނުވަތަ އިމޭޖެއް ގޮތަށް ފެނުނު ނަމަވެސް ގޮތްނޭނގޭ މީހުން ފޮނުވާ އީމެއިލްތަކާއި މެސެޖުތަކުގައި އެޓޭޗްމަންޓުތައް ހުޅުވައިލުމުން ވައިރަސް ޑިވައިސްއަށް ވަންނާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޮންލައިން ރައްކާތެރިކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެކެވެ. މި މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުމަކީ މުޅި މުޖުތަމައުގެ ޑިޖިޓަލް ރައްކާތެރިކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކުރައްވައެވެ.