ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!


  • އޮޕަރޭޝަން ކުރިއަށްދިޔައީ މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށްގެން

  • މިހާތަނަަށް 8000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައި

ޤަވައިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާ ތަންތަން އަމާާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށްގެން އެއިދާރާގެ ޓާސްކްފޯސްއިން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި 44 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެެ އިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.

އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަަށް 8000އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.